ޚަބަރު
ލިވަޕޫލްގެ އެހީތެރިކަމާއެކު ފުޓްބޯޅައިގެ ދާއިރާއިން ކުރެވިދާނެ ކަންކަމާ ގުޅިގެން ވަޒީރާއެކު މަޝްވަރާކޮށްފި

ލިވަޕޫލްގެ އޮފިޝަލުންް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބުދުﷲ ރާފިއުއާ ބައްދަލު ކުރެއްވުން، ފޮޓޯ: އެމްއެމްޕީއާރުސީ
ލިވަޕޫލްގެ އެހީތެރިކަމާއެކު ފުޓްބޯޅައިގެ ދާއިރާއިން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބުދުﷲ ރާފިއުއާ ބައްދަލުކޮށް ލިވަޕޫލުން މަޝްވަރާކޮށްފިއެވެ. މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝިއުރީ އާއި އެ ކޯޕަރޭޝަންގެ ޗެއާމަން އަބުދުﷲ ގިޔާސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅިގެން ފުޓުބޯޅަ ކުރިއެރުވުމުގެ މައުޟޫގައި މަޝްވަރާތައް ކުރިޔަށްގެންގޮސްފައި ވަނީ ލިވަޕޫލް ފުޓްބޯލް އެކަޑަމީގެ ނަމުގައި ރާއްޖޭގައި އެކަޑަމީއެއް ލޯންޗުކުރުމަށް ވަޒީރާއެކު ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ލިވަޕޫލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުލަބުގެ ޕާޓްނަޝިޕްސް ޑެލިވަރީގެ ނައިބު ރައީސް ޑޭވިޑް ޕޯލް އާއި އެލްއެފްސީ އެކްސް ވިޒިޓް މޯލްޑިވްސް ޕާޓްނަޝިޕްގެ ގްލޯބަލް ޕާޓްނަޝިޕް ސޭލްސްގެ ޑިރެކްޓަރު އެލެކްސް ފްރޭސަރއެވެ.
މިއީ ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރގެ ގޮތުގައި ރާއްޖެ ހަމަޖައްސާވުމާއެކު ކުރިޔަށް ގެންދާ މާކެޓިން ކެމްޕޭނުގެ ދަށުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަންކަމާ ގުޅިގެން މަޝްވަރާ ކުރެއްވުމަށް ލިވަޕޫލްގެ އޮފިޝަލުން ކުރައްވާ ދަތުރުފުޅެކެވެ.
ރާއްޖެ އާއި ލިވަޕޫލް އެފްސީއާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންނަށް ލިވަޕޫލް އެފްސީގެ ކޯޗުންގެ އިރުޝާދާއެކު ފެންވަރު މަތިކުރުމަށް ތަމްރީނު ފުރުސަތުތައް ހޯދުމާއި ރާއްޖެއާއި އިނގިރޭސިވިލާތުގައިވެސް އެތުލީޓުން ޓްރެއިން ކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެއެވެ.
ރާއްޖެ އާއި ލިވަޕޫލް އެފްސީ އާއި ދެމެދު ވެފައިވާ ތާރީހީ އެއްބަސްވުމާއި އެކު ރާއްޖެ ލިވަޕޫލްގެ ކުޅުންތެރިންނާ އޮފިޝަލުން ހިމެނޭހެން އެ ކުލަބުން ރާއްޖެ އިޝްތިހާރުކުރުމުގެ ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު މި ކެމްޕޭން އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމަށް ކުރެއްވި ޒިޔާރަތެއްގައި 3 އޭފްރީލް 2025 ގައެވެ.
ލިވަޕޫލް ގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު" ގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށްގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.