Ads by Aqeeqa Maldives

ޚަބަރު

ޤައިދީންނަށް ޤުރުއާން އުނގައްނައިދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޤައިދީންނަށް ޤުރުއާން އުނގައްނައިދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޤައިދީންނަށް ޤުރުޢާން އުނގައްނައިދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރުން، ފޮޓޯ: އެމްސީއެސް

21 މޭ 2025، 08:35

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނަށް ޤުރުއާން އުނގައްނައިދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ކީރިތި ޤުރުޢާނާއި ބެހޭ ޤައުމީ މަރުކަޒާއެކު ފަހުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރުމަށް ސަލްމާން މިސްކިތުގައި ބޭއްވި ރަސްމިއްޔާތުގައި، އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. އަދި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤުސަދަކީ ޤައިދީންނަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުންކަމަށް އެމްސީއެސްއިން ހާމަކުރެއެވެ. ޤައިދީންނަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ވެސް މެއެވެ.

މި އެއްބަސްވުމާއެކު، ޖަލުތަކުގައި ތިބި ޤައިދީންނަށް ހިފްޒު ކްލާސްތައް ނަގައިދިނުމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން މުދައްރިސުން ހަމަޖައްސާނެއެވެ. އަދި މިކަމަށް ކަނޑައެޅިފައިވާ އުޖޫރައެއްވެސް އެމްސީއެސްއިން ދިނުމަށް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން، ކުޑަކުދިން ބަންދުކުރާ މަރުކަޒުގައި ތިބި ކުދިންގެ ތަޢުލީމީ ފެންވަރު ބެލުމަށްފަހު، އެ ކުދިންގެ ތަޢުލީމީ ފެންވަރަށް އެކަށޭނަ ކްލާސްތައް ނަގައިދިނުމަށް ވެސް މި ފަހުނާމާގެ ދަށުން ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި މުޤައްރަރު ކަނޑައެޅުމާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރުން ހިމެނެއެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވީ، ޤައިދީންނަށް ޤުރުއާން ކިޔަވައިދިނުމަށް އެ ވުޒާރާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށެވެ. އަދި ޤުރުޢާނާއި ބެހޭ މަރުކަޒުން ހިންގާ ހުރިހާ ކޯސްތަކެއް، ކުރިޔަށް އޮތްތާންގައި ޤައިދީންނަށް ހާއްސަކޮށްގެން ވެސް ހިންގަވާނެކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، ޤުރުއާން ކިޔަވަން ނޭންގޭ މީހުން ވެސް ޖަލުތަކުގައި ތިބި ކަމަށާއި، މި ފަހުމުނާމާއާ ގުޅިގެން އެ ފަރާތްތަކަށް ޤުރުޢަން ކިޔަވަން ދަސްކުރާނެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS