Ads by Aqeeqa Maldives

ޚަބަރު

އަނަސްގެ މަރުގެ މައްސަލާގައި ހިމެނޭ މީހުން ހައްޔަރު ނުކުރުމަށް ހައިކޯޓުން ދެވަނަ ފަހަރަށް ނިންމައިފި

އަނަސްގެ މަރުގެ މައްސަލާގައި ހިމެނޭ މީހުން ހައްޔަރު ނުކުރުމަށް ހައިކޯޓުން ދެވަނަ ފަހަރަށް ނިންމައިފި

ރ. މީދޫ، ފެންފިޔާޒުގެ މުޙައްމަދު އަނަސް މަރާލާފައިވަނީ 31 ޖުލައި 2017 ގައި ---

22 މޭ 2025، 06:25

2017 ވަނަ އަހަރު ރަހުމް ކުޑަ ގޮތަކަށް ލިޓަސް ސާރވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ، ފެންފިޔާޒުގެ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ތުޙުމަތުކުރެވޭ 7 މީހުން ބަންދުނުކުރުމަށް ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ނޫން ކަމުގައި ހައި ކޯޓުން އަނެއްކާ ވެސް ނިންމައިފިއެވެ. 

31 ޖުލައި 2017 ވަނަ ދުވަހުގެ ރޭ އަނަސްއަށް ވަޅިން ހަމަލާދީފައިވަނީ މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ 4 މީހެކެވެ. ލިޓަސް ސާރވިސް ސެންޓަރު ތެރޭގައި ހަތަރު މީހުން ވެގެން އޭނާއަށް ވަޅިން ހަމަލާ ދިނުމުން، އެ ހަމަލާތަކުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައި ވަނީ އެ ރޭގެ 21:55 ހާއިރެވެ.

މި މައްސަލައިގައި ތުޙުމަތުކުރެވޭ  މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ. ކްރިމިނަލް ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ ސީސީޓީވީ ފޫޓޭޖު ހެކީގެ ގޮތުގައި ބަލައިނުގަތުމާއި، މި މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކޯލް ޑީޓެއިލްސް ޗާޓާއި، އިންޓެލިޖެންސް ރިޕޯޓުތަކާއި، ތަޙުޤީޤު ރިޕޯޓުތަކަށް ބުރަދަނެއް ދެވެން ނެތްކަމަށެވެ. 

ކްރިމިނަލް ކޯޓުގެ މި ޙުކުމާ ގުޅިގެން ދަޢުލަތުގެ ފަރާތުން މި މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި އިސްތިއުނާފު ރައްދުވާ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނެރެދިނުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އެދިފައި ވެއެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އިސްތިއުނާފީ މަރުހަލާގައި އެމީހުން ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށެވެ.

އެހެންކަމުން ދައުލަތުގެ ފަރާތުން ސްޕްރީމް ކޯޓުގައި އެދުނީ، ހައި ކޯޓުން މި މައްސަލައިގައި ނިންމާފައިވާ ނިންމުން ބާޠިލްކޮށް، މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މައްސަލަ ހައި ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ.

އަދި މި މައްސަލައިގައި މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ސްޕްރީމް ކޯޓުން ޙުކުމް ކުރިއިރު ބުނީ، ހައި ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށާއި، އެ ނިންމުން ބާޠިލްކޮށް 14 ދުވަހުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ހައިކޯޓުން އަލުން ގޮތެއް ނިންމުމަށެވެ. 

އަދި އެކަމާ ގުޅިގެން ހައި ކޯޓުން އިއްޔެ ގޮތެއް ނިންމާފައިވާއިރު، އެ ކޯޓުން ނިންމީ އެމީހުން ބަންދުކޮށްފައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށެވެ. އެ ކޯޓުން ބުނީ، އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާކަމަށެވެ. 

އެހެންކަމުން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެއެވެ. އެގޮތަށް ނިންމީ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އަނަސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލި 7 މީހުންގެ ތެރެއިން 3 މީހަކަށް ދަޢުވާ އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވެފައިވާ ތުޙުމަތުގައެވެ. އަދި ދެން ތިބި 4 މީހުނަށް ދަޢުވާ އުފުލީ ގަސްތުގައި މީހަކު މަރާލާފައިވާކަމަށެވެ.

ގަސްތުގައި މީހަކު މަރާލިކަމަށް ދައުލަތުން ދައުވާ އުފުލީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ. އަދި ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS