ޚަބަރު
ސްޓެލްކޯގެ ކޭބަލްތަކެއް ބުރިކޮށްލި މީހަކު ހައްޔަރުކޮށްފި

ސްޓެލްކޯ ޑިސްޓްރިބިއުޝަން ފޮއްޓަކަށް ގެއްލުންދީފައި ---
ސްޓެލްކޯގެ ކޭބަލްތަކެއް ބުރިކޮށްލި މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މީހާ ހައްޔަރުކުރީ ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިން ގެއްލުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ، ނަސީމީވިލާ، އުމުރުން 29 އަހަރުގެ އިސްމާއިލް ސަމީމްއެވެ.
ސްޓެލްކޯގެ ކޭބަލްތަކެއް ބުރުކޮށްލި މި މައްސަލައާ ގުޅިގެން 7 ގެއަކުން ކަރަންޓު ކެނޑުނުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯގެ ކަރަންޓް ކޭބަލަތައް ބުރިކޮށް ވަގަށް ނެގުމާއި ޑިސްޓްރިބިޔުޝަން ފޮށިތަކަށް ގެއްލުންދިނުމަކީ ނިސްބަތުން ގިނަ ކުށެކެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިކަން ކުރަނީ ލޯ ނަރު ވަގަށް ނެގުމުގެ ގޮތުންނެވެ. މި މަސައްކަތުގެ ތެރެއިން ބައެއް މީހުން ކަރަންޓުގައި ޖެހި މަރުވެފައި ވެސް ވެއެވެ.
އަދި މިފަދަ ކަންކަމުގެ ސަބަބުން ސްޓެލްކޯއަށް ކުރިމަތިވަމުންދާ މާލީ ގެއްލުން ވެސް ބޮޑެވެ. މީގެ އިތުރުން މިކަމުގެ އުނދަގޫ އާންމުންނަށް ވެސް ދަނީ ކުރިމަތިވަމުންނެވެ.