ވިޔަފާރި / ޚަބަރު

ށ އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފުޅާކޮށްފި

ށ އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފުޅާކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ށ އަތޮޅަށް ފުޅާކުރުން---

24 މޭ 2025، 01:34

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެގައި އޭޓީއެމް ޤާއިމްކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން، މިއަދު ށ އަތޮޅުގައި ބެހެއްޓުނު އޭޓީއެމްތަކާއެކު، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފުޅާކޮށްފިއެވެ.

އެގޮތުން، އިއްޔެ އާއި މިއަދު ވަނީ އެ އަތޮޅުގެ 10 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. އެއީ ބިލެއްފައި، ފޭދޫ، ގޮއިދޫ، ކަނޑިތީމު، ނޫމަރާ، ޅައިމަގު، ނަރުދޫ، ފީވަށް، ފޯކައިދޫ އަދި މަރޮށީގައެވެ.

މި ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ވަކިވަކިން ބޭއްވި ރަސްމިއްޔާތުތަކުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި ރަށްރަށުގެ ކައުންސިލަރުންނާއި ރައްޔިތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ށ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޚިދުމަތް ފުޅާ ކުރެއްވުމަށްފަހު ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ އަތޮޅުގެ ހުރިހާ ރަށަކުން ލޯނަށް ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް އޭޓީއެމް މެދުވެރިކޮށް މިހާރު ލިބޭނެކަމަށެވެ.

ޝަރީފް ވިދާޅުވީ މިދިޔަ 4 ދުވަހުގެ ތެރޭގައި 18 ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށް ކުރި މަސައްކަތަށް ބީއެމްއެލްގެ މުވައްޒަފުންނަށް ސީއީއޯ ޝުކުރުއަދާކުރެއްވިއެވެ.

ށ. އަތޮޅާއެކު ޖުމްލަ 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މިވަނީ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. މީގެ ކުރިން ޚިދުމަތް ފަށާފައިވާ އަތޮޅުތަކަކީ ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅެވެ. 

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ. މިއާއެކު ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކުގައި 250 އަށްވުރެ ގިނަ އޭޓީއެމް ހުންނާނެކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS