ޚަބަރު
އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ރަސްމީކޮށް ހުޅުވަން ތައްޔާރުވެއްޖެ

"އޮރެންޖު ހިޔާ" ތެލެސީމިއާ ކުދިންގެ ޚިދުމަތަށް ހާއްސަކޮށްފައި، ފޮޓޯ: އެމްއެންޑީއެފް
ތެލެސީމިއާ ކުދިންނަށް ޙާއްސަކޮށް ޤާއިމްކުރި އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ތެލެސީމިއާ ކުދިންނަށްދޭ ޚިދުމަތްތައް ރަގަޅު ކުރުމުގެ ގޮތުން، 1994 ވަނަ އަހަރުން ފެށިގެން އެ ޚިދުމަތް ދެމުން ދިޔަ މޯލްޑިވްސް ބްލަޑް ސަރވިސްގެ އިމާރާތުން "އޮރެންޖު ހިޔާ"އަށް ބަދަލުކުރީ މި އަހަރުގެ ތެލަސީމިއާ ދުވަހުއެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެ އިމާރާތް ހެލްތު މިނިސްޓްރީ އާއި ހަވާލުކޮށް، ތެލެސީމިއާ ކުދިންނަށް ޚިދުމަތްތައް އެ ތަނުގައި ވަނީ ދޭންފަށާފައެވެ.
ތެލެސީމިއާ ކުދިންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ހުޅުމާލޭގައި ޤާއިމުކުރަމުންދިޔަ އޮރެންޖު ހިޔާގެ މަސައްކަތް ސަރުކާރުން އޮތީ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ހަލުވި ދުވެއްޔެއްގައި ކުރިއަށްނުދާތީ، ޤައުމީ މަސައްކަތެއްގެ ގޮތުގައި ޤައުމީ ދިފާޢީ ބާރާއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ މަސައްކަތް ހަވާލުކުރައްވާފައިވާކަން އެ މަނިކުފާނު ހާމަކުރެއްވީ މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެއް މަސްތެރޭގައި އެ މަސައްކަތް ނިންމާ މި އަހަރުގެ ތެލެސީމިއާ ދުވަހު އެތަން ޚިދުމަތަށް ގެންނަވާނެކަންވެސް އެ މަނިކުފާނުވަނީ އޭރު ހާމަކުރައްވާފައެވެ.
އޮރެންޖު ހިޔާގެ މަސައްކަތް ސިފައިންނާ ހަވާލުކުރިއިރު އެ ތަނުގެ އެތެރޭގެ ސްޓްރަކްޗަރގެ ބޮޑުބައެއް އޮތީ ނުނިމިއެވެ. އެހެންކަމުން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރުންނާއި ހަވާލުކޮށް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުންނާއި އަދި ސިގްނަލްސްގެ ޓެކްނިކަލް ސިފައިން ވަނީ މި މަސައްކަތަށް ނިކުމެ، އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތްތަކާއި އަދި އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ނިންމުމުގެ މަސައްކަތް ފަށާފައެވެ.
މީގެ އިތުރުން އިމާރާތުގައި ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ޑިޒައިނިން ޓީމުން އަލުން އެ ސެންޓަރުގެ ޑިޒައިނަށް ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނައިކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ އޭރު ހާމަކޮށްފައެވެ.
ހަމައެއާއެކު، އޮރެންޖު ހިޔާއަށް ދަތުރުކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން، މޯލްޓިވްސް ޓްރާންސްޕޯޓު އެންޓް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ވަނީ އޮރެންޖު ހިޔާއަށް ޚާއްސަކޮށްގެން ބަސް ހުއްޓިއެއް އިތުރުކޮށް، މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެ ރޫޓުގެ ދަތުރުތައް ވެސް ވަނީ ފަށާފައެވެ.