ރިޕޯޓް
އޮރެންޖު ހިޔާއާއެކު ތެލެސީމިއާ ކުދިންނާއި ޢާއިލާތަކަށް މި ލިބުނީ ބޮޑު ތަސައްލީއެއް

ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ތެލަސީމިއާ ސެންޓަރުގެ އައު އިމާރާތް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި، ފޮޓޯ: ރައީސް އޮފީސް
ތެލެސީމިއާ ބައްޔަކީ ރާއްޖޭގައި ވަރަށް އާންމު ބައްޔެކެވެ. ގައުމުގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދިން އެންމެ ގިނައީ ވެސް ރާއްޖޭގައެވެ. އެގޮތުން މި ބަލީގެ ވޭން ރާއްޖޭގެ އެތައް ބަޔަކު ތަޙައްމަލުކުރަމުންދާއިރު، އޭގެތެރޭގައި ބަލީގެ ވޭން ތަހައްމަލު ކުރަމުންދާ ފަރާތާއި އެ ފަރާތްތަކުގެ އާއިލާތައް ވެސް ހިމެނެއެވެ.
ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ މީހުންގެ ގޮތުގައި މިދިޔަ 2024 ވަނަ އަހަރު 18 ކުއްޖަކު ރަޖިސްޓްރީކޮށްފައިވާއިރު މި އަހަރުގެ މެއި މަހުގެ ނިޔަލަށް 5 ކުއްޖަކު ރަޖިސްޓަރކޮށްފައިވެއެވެ. ރާއްޖޭގައި ތެލެސީމިއާ ކުދިންގެ ދަފްތަރު 1992 ވަނަ އަހަރުން އެކުލަވާލަން ފެށިފަހުން، ވޭތުވެދިޔަ 33 އަހަރުގެ ތެރޭގައި ޖުމްލަ 968 ކުއްޖަކު މި ދަފްތަރުގައި ރެޖިސްޓްރީ ވެފައިވެއެވެ. އަދި މީގެތެރެއިން މިވަގުތު 670 ކުދިން ޚިދުމަތް ހޯދަމުންދާކަމަށް ސިއްޙީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އަދި ރާއްޖޭގެ ގިނަ ބަޔަކު ދިރިއުޅެމުންދަނީ މާލޭގައި ކަމުން، ނިސްބަތުން ތެލެސީމިއާ ކުދިން އެންމެ ގިނައިން ދިރިއުޅެމުންދަނީ ވެސް މާލޭ ސަރަޙައްދުގައެވެ. މި ކުދިންނަށް 1994 ވަނަ އަހަރުން ފެށިގެން ޙިދުމަތް ދެމުން އައިސްފައިވަނީ މާލޭގައި ހުންނަ މޯލްޑިވްސް ބްލަޑް ސާރވިސްގެ އިމާރާތުގައެވެ.
ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ތެލެސީމިއާ ކުދިން އައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ނަމަވެސް ތެލެސީމިއާ ކުދިންނަށް ދޭ ޚިދުމަތްތައް ދިޔައީ މަޑުމަޑުން ދަށަށެވެ. އެގޮތުން ޚިދުމަތް ދިނުމަށް ބޭނުންވާ ބައެއް ސާމާނު ނެތުމާއި، ޚިދުމަތް ދިނުމަށް އެކަށީގެންވާ ވަރަށް ނަރުހުން ނެތުމާއި، ތެލެސީމިއާ ސެންޓަރުގައި ފިޒީޝިއަނެއް ނެތުމާއި، ތެލެސީމިއާ ސެންޓަރުގެ ލެބޯޓްރީގައި ވަސީލަތާއި މުވައްޒަފުން މަދުވުމާއި އަދި މުޅި އޮޕަރޭޝަންގެ ކަންކަމަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުމުގެ ދަތިކަން ދިޔައީ ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުން ދިޔަ ހުރިހާ ފަރާތެއް އުފުލަމުންނެވެ.
ޙިދުމަތްތަކަށް ކުރިއެރުމެއް ނައިސް ހޭދަވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތެލެސީމިއާ ސެންޓަރުގެ ޖާގައިގެ ދަތިކަން ވެސް އޮތީ ކުރިމަތިވެފައެވެ. މިކަން ޙައްލުކުރުމަށް ފެށި މަސައްކަތުގެ ތެރެއިން، ހުޅުމާލޭގައި އިމާރާތް ކުރަމުން ދިޔަ "އޮރެންޖު ހިޔާ"ގެ މަސައްކަތް ވެސް އޮތީ، މަޝްރޫޢު ނިންމަން ކަނޑައެޅި ތާރީހުން ސޮއްސާލައި، ވަރަށް ބޮޑަށް މަޑު ޖެހިފައެވެ. މި ހުރިހާ ތަކުލީފުތަކެއްގެ ނަތީޖާއަކަށްވީ، ތެލެސީމިއާ ކުދިންނާއި އާއިލާތަކަށް ޚިދުމަތް ހޯދުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވުމެވެ.
މި ޢާއިލާތަކުގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ މާރިޗު މަހު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ ކަންތައްތައް ބައްލަވާލެއްވިއެވެ. އަދި ހުޅުމާލޭގައި ޤާއިމްކުރަމުންދާ "އޮރެންޖު ހިޔާ"ގެ މަސައްކަތްތައް ވެސް ހަމަ އެ ދުވަހު ބައްލަވާލެއްވިއެވެ.

ކުރިން ތެލެސީމިއާ ސެންޓަރު ހިންގަމުން ދިޔަ މަރުކަޒު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުން
އެއަށްފަހު ރައީސް އޮފީހުން އާންމުކުރި އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތެލެސީމިއާ ސެންޓަރުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ވަރަށް މުހިންމު ކަންތައްތަކެއް ކުރިއަށް ގެންދާނެ ގޮތްތަކާއި އިރުޝާދުތައް، ކަމާގުޅުންހުރި ފަރާތްތަކަށް ދެއްވާފައިވާނެ ކަމަށެވެ. އަދި އެކަންކަން ކުރަންވީ މަގު ވެސް ތަނަވަސްކޮށްދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ތެލެސީމިއާ ބަލި މީހުންނަށް ދިމާވާ ދަތިތައް ހައްލުކުރެވޭ ގޮތްތަކެއް ވަގުތުން ވަގުތަށް ހޯދުމަށް ވާނީ މަޝްވަރާކޮށްފައި ކަމަށެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން، އިސްވެރިއެއް ނެތި ތަން ހިންގަމުން ގޮސްފައިވާއިރު، އެކަން ނިމުމަކަށް ގެނަސް، ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވެވިއެވެ.
އަދި އެއަށްފަހު ޤައުމީ މަސައްކަތެއްގެ ގޮތުގައި ތެލަސީމިއާ ސެންޓަރުގެ މަސައްކަތް ފަށްޓަވައި، އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރެއްވިކަން އެންގެވީ މާރިޗު 27 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން އިތުރަށް މަޢުލޫމާތު ޙިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެރިކަމާ ޙަވާލުވެވަޑައިގެން ކުރީކޮޅު ބަޔަކާ ޙަވާލުކޮށްގެން ހުޅުމާލޭގައި ވަގުތީގޮތުން ތެލަސީމިއާ ސެންޓަރުގައި ހުރި އެކި މައްސަލަތަކަށް ހައްލެއް ގެންނެވުމަށް ޙަވާލުކުރެއްވި "އޮރެންޖް ހިޔާ"ގެ މަސައްކަތް ކުރިއަށްނުދާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާތީ، ކޮންޓްރެކްޓް އައުނުކޮށް މި މަސައްކަތް ޤައުމީ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވައި، ޤައުމީ ދިފާޢީ ބާރު މެދުވެރިކޮށް މި މަސައްކަތް ކުރުމަށް ނިންމެވީކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތް ސިފައިންނާ ހަވާލުކުރިއިރު އެ ތަނުގެ އެތެރޭގެ ސްޓްރަކްޗަރގެ ބޮޑުބައެއް އޮތީ ނުނިމިއެވެ. އެހެންކަމުން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރުންނާއި ހަވާލުކޮށް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުންނާއި އަދި ސިގްނަލްސްގެ ޓެކްނިކަލް ސިފައިން ވަނީ މި މަސައްކަތަށް ނިކުމެ، އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތްތަކާއި އަދި އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ނިންމުމުގެ މަސައްކަތް ފައްޓަވާފައެވެ.
މީގެ އިތުރުން އިމާރާތުގައި ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުންގެ ޑިޒައިނިން ޓީމުން އަލުން އެ ސެންޓަރުގެ ޑިޒައިނަށް ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެންނެވިކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ އޭރު ހާމަކޮށްފައެވެ.

އޮރެންޖު ހިޔާގެ މަސައްކަތް ސިފައިން ނިންމަވާލެއްވި ފަހުން އެ ތަނުގެ ވޯޑެއް ފެންނަ ފޮޓޯއެއް
މީގެ އިތުރުން، އޮރެންޖު ހިޔާއަށް ދަތުރުކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓު އެންޓް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ވަނީ އޮރެންޖު ހިޔާއަށް ޚާއްސަކޮށްގެން ބަސް ހުއްޓިއެއް އިތުރުކޮށްފައެވެ. އަދި މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެ ރޫޓުގެ ދަތުރުތައް އެމްޓީސީސީއިން ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަށް، ޤައުމީ ދިފާޢީ ބާރުން ތާވަލާ އެއްގޮތަށް ގޮސް އޮރެންޖު ހިޔާގެ މަސައްކަތް ނިންމިއެވެ. އަދި ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކުރުމަށްފަހު، އެމްއެންޑީއެފްއިން އޮރެންޖު ހިޔާ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހެވެ.
ޖުމުލަކޮށް މުޅި ތަނަށް ބޭނުންވާ މުވައްޒަފުންވެސް، 12 ވަރަކަށް މުވައްޒަފުން އިތުރުކުރުމަށް ހުއްދަލިބި މިހާރު ދަނީ މަސައްކަތްވެސް ކުރިޔަށް. އަދި ތަން ހިންގާގޮތް، ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމުގައި، ގަޑިތަކާއި، އޮޕަރޭޝަނަލީ ހިންގާ ގޮތް ބަދަލުކުރުން އެއީ ވަރަށް މުހިއްމުކަމެއް. ކުރިއަށް އޮތް ދުވަސްތަކުގައި މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް އެންބީއެސް ބަދަލުކުރާނަން. މިއިީ ވަރަށް މުހިއްމު ބޭނުމެއްގައި ކުރާކަމެއް. ކުދިންނަށް ދޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ކުރާކަމެއް.
މެއި 8 ވަނަ ދުވަހު އޮތް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ތެލެސީމިއާގެ ކުދިންނަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތައް ޙައްލުކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ފެއްޓެވި މި މަސައްކަތަށްފަހު، ހުޅުމާލޭ އޮރެންޖް ހިޔާގައި އިއްޔެ ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޯގްލޮބިނޯޕަތީޒް ސެންޓަރު ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ. މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
އޮރެންޖް ހިޔާގެ 4 ވަނަ ފަންގިފިލާގައި ޤާއިމުކޮށްފައިވާ ތެލެސީމިއާ ސެންޓަރުގައި 12 އެނދުގެ ޖެނެރަލް ވޯޑަކާއި، ތުއްތު ކުދިންނަށް ޚާއްސަ 6 އެނދުގެ ވޯޑަކާއި އަދި އަންހެން ބޭފުޅުންނަށް ޚާއްސަ 7 އެނދުގެ ވޯޑެއް ޤާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ލެބޯރަޓަރީއަކާއި، ޑޯނަރ ސްކްރީނިންގ ރޫމަކާއި، ބްލަޑް ކަލެކްޝަން ރޫމެއްގެ އިތުރުން ކައުންސެލިންގ ރޫމެއް ވެސް ހިމެނެއެވެ.
ތެލެސީމިއާ ކުދިންގެ އެންމެ ބޮޑު ތަކުލީފަށް އޮރެންޖު ހިޔާއާއެކު ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާއިރު، ތެލެސީމިއާ ކުދިން މަދުކުރުމަށް ވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތެލެސީމިއާއަށް ކުދިން ސްކްރީނު ކުރުމާއި ސްކޫލް ކުދިން ބައްޔަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްތައްވެސް ހިމެނޭކަމަށް ހެލްތު މިނިސްޓްރީން ކުރިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން މެދުކެނޑިފައިއޮތް ބޯންމެރޯ ޓްރާންސްޕްލާންޓުކުރުމުގެ ފުރުޞަތު 2024 ވަނަ އަހަރު އަލުން ފަށައި، މިހާތަނަށް 14 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ފޮނުވާފައިވާ ކަމަށް ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމް ވިދާޅުވެފައިވެއެވެ. އަދި މީގެ ތެރެއިން 6 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ހެދުމަށްފަހު ވަނީ ރާއްޖެ އައިސްފައެވެ.
ތެލަސީމިއާއަށް ފަރުވާހޯދާ ފަރާތްތަކަށް ދެމުން ގެންދިޔަ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް، ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ސަރުކާރުގެ ހަފްތާ 14ގައި ހިމަނައިގެން ތެލަސީމިއާ ފަރުވާއާއި ގުޅޭ މުހިންމު ނިމުންތަކެއް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެގޮތުން ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ އިންތިޒާމު އެސް.ޓީ.އޯ. މެދުވެރިކޮށާއި އާސަންދައިގެ ތެރެއިން ހަމަޖައްސައިދިނުން ހިމެނެއެވެ.
މީގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ކުރުރާސްތާގައި، ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކު ކަނޑައެޅިފައިވާ މިންވަރަކުން ފޮނުވަމުންދިއުމަށް ނިންމެވިއެވެ. އަދި ދުރުރާސްތާގެ ޙައްލެއްގެ ގޮތުން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމް ކަށަވަރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ.
ވަށާޖެހޭ ޙައްލެއްގެ ގޮތުން ތެލަސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރުމަށްވެސް ރައީސުލްޖޫމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ޕްރައިވެޓް ހެލްތުކެއާރ ނިޒާމުގެ ތެރެއިން ހަދަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޓެސްޓްކަމަށްވާ "ޓީ 2 ސްޓާރ ޓެސްޓް" ހެދުމަށް ބޭނުންވާ ވަޞީލަތްތައް ދުރު ރާސްތާގައި ސަރުކާރުގެ ހޮސްޕިޓަލުގައި ޤާއިމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.