ވިޔަފާރި / ޚަބަރު
ރާއްޖޭގައި އިތުރު ދެ ބޭންކެއްގެ ޚިދުމަތް ފަށަނީ

ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޚިދުމަތް ދިނުމަށް ޕްރީ-އޮޕަރޭޝަނަލް ޙުއްދަ ދޫކުރުން، ފޮޓޯ: އެމްއެމްއޭ
ދިވެހިރާއްޖޭގައި އިތުރު ދެ ބޭންކެއްގެ ޚިދުމަތް ދިނުމުގެ ޕްރީ-އޮޕަރޭޝަނަލް ޙުއްދަ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކޮށްފިއެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، އިތުރު ދެ ބޭންކެއް ހުޅުވުމުގެ ޕްރީ-އޮޕަރޭޝަނަލް ޙުއްދަ ދޫކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެގޮތުން މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)ގެ ނަން މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ބޭންކަށް ބަދަލުކުރުމަށާއި، ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކެއް ޤާއިމުކުރުމަށް ވަނީ ޙުއްދަ ދޫކޮށްފައެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި މި ދެ ފަރާތަށް ވެސް ދޫކޮށްފައި ވަނީ ޓިއާ-1 ބޭންކެއް ހުޅުވުމުގެ ޙުއްދައެވެ. އަދި މި ފަރާތްތަކަށް ބޭންކިން ޚިދުމަތް ދިނުމުގެ ޙުއްދަ ދޫކުރެވޭނީ، ޚިދުމަތް ފެއްޓުމުގެކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުންކަމަށް ވެސް އެމްއެމްއޭއިން ހާމަކުރެއެވެ.

މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދޫކުރުން، ފޮޓޯ: އެމްއެމްއޭ
މި ދެ ބޭންކާއެކު ރާއްޖޭގެ މާލީ ޚިދުމަތް ފުޅާކޮށް، ބޭންކިން ޚިދުމަތުގެ ވާދަވެރިކަން އިތުރުވެގެން ދާނެކަމަށް އެމްއެމްއޭއިން ޤަބޫލު ކުރެއެވެ. އަދި މިއީ ރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި މިހާރު އޮޕަރޭޓު ކުރަމުން ދަނީ ޖުމްލަ 7 ބޭންކެކެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން، ހަބީބް ބޭންކް ލިމިޓެޑް އަދި މޮރިޝަސް ކޮމާޝަލް ބޭންކެވެ. މީގެތެރެއިން އެންމެ ފަހުން ޚިދުމަތް ފަށާފައި ވަނީ ކޮމާޝަލް ބޭންކުންނެވެ. އެއީ 26 ސެޕްޓެންބަރު 2016 ގައެވެ.