ޚަބަރު
ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި މިދަނީ ކަށަވަރުވަމުން: ސްޓެލްކޯ އެމްޑީ

ސްޓެލްކޯ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ/ފޮޓޯ: ސައުވީސް
ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި މިދަނީ ކަށަވަރުވަމުންކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިފަދައިން ވިދާޅުވީ، ޖޫން 1 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ޓެރިފް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ފަހުމީ ވިދާޅުވީ، ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި ކަށަވަރުވަމުންދާ ކަމަށެވެ. އަދި ގޭބިސީތަކުގެ ކަރަންޓު ޓެރިފް ކުޑަކުރެއްވުމަކީ، ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއްކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެކަން ކުރައްވާ ރަސްމީކޮށް އިޢުލާނުކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ، ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނައުމަކީ ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި ނިންމެވި މުހިންމު ކަމެއް ކަމަށެވެ. އަދި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ދަށްކޮށް އިޢުލާންކުރެއްވި ކަމަށްޓަކައި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ އާއި ޝުކުރު ދަންނަވާފައެވެ.
ޓެރިފް ރޭޓުތަކަށް ބަދަލު ގެނައުމަކީ، ބޮޑު ބިލުތައް ކުޑަކުރުމަށް އޮތް ޙައްލުކަމުގައި ގިނަ ބަޔަކު ދެކެއެވެ. އެހެންކަމުން، މި ޒަމާނާ އެއްގޮތަށް ޓެރިފް ރޭޓުތަކަށް ބަދަލުގެނައުމަކީ ބިލުތައް ކުޑަކޮށްދޭނެ ކަމެއްކަމަށް ގިނަ ބަޔަކު އައީ ދެކެމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޓެރިފް ރޭޓުތަކަށް ބަދަލު މި ގެންނެވީ، ކަރަންޓު ބިލު ބޮޑު މައްސަލަ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައި އޮތް ދަނޑިވަޅެއްގައެވެ.