ޚަބަރު
މެއި މަހުގެ ބިލް ތައްޔާރުކުރީ ކުޑަ ރޭޓުގައި: ސްޓެލްކޯ

ސްޓެލްކޯ ބިލްޑިން ---
ޖޫން 1 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ޓެރިފް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވުމާ ގުޅިގެން، މެއި މަހުގެ ބިލް ތައްޔާރުކޮށްފައި ވާނީ ކުޑަ ރޭޓުގައިކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މީގެ ފަހުން ދެން ކަރަންޓު ބިލް ތައްޔާރުކުރާނީ ކުޑަ ޓެރިފް ރޭޓުގައެވެ. އެގޮތުން، މި ބަދަލާއެކު ރައްޔިތުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް. މި ބަދަލާއެކު ކަރަންޓުބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ. މީގެ އިތުރުން ރައީސް މުޢިއްޒުގެ ނިންމެވުމާއި… pic.twitter.com/zNbAZHGnTX
— STELCO (@STELCOMALDIVES) June 2, 2025
ކަރަންޓުގެ ޓެރިފް ރޭޓަށް ގެނެވުނު ބަދަލުތައް:
- ބޭންޑް 0-100: މިހާރު ނަގާ ރޭޓް: 1.50ރ. - އާ ރޭޓް: 1.25ރ.
- ބޭންޑް 101-200: މިހާރު ނަގާ ރޭޓް: 1.70ރ. - އާ ރޭޓް 1.50ރ.
- ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15ރ. - އާ ރޭޓް 1.50ރ.
- ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50ރ. - އާ ރޭޓް 1.50ރ.
- ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95ރ. - އާ ރޭޓް 2.66ރ.
- ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55ރ. - އާ ރޭޓް 3.20ރ.
- ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25ރ. - އާ ރޭޓް: 3.83ރ.
ރައީސުލްޖުމްހޫރިއްޔާ ޓެރިފް ރޭޓުތަކަށް ބަދަލު މި ގެންނެވީ، ކަރަންޓު ބިލު ބޮޑު މައްސަލަ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައި އޮތް ދަނޑިވަޅެއްގައެވެ.
ރާއްޖޭގައި ކުރިން ޓެރިފް ރޭޓުތައް ހުރީ ތިން ބޭންޑަކަށް ބަހާފައެވެ. ނަމަވެސް 2009 ވަނަ އަހަރު މިކަމަށް ބޮޑު ބަދަލެއް ގެނަސް، ހަތް ބޭންޑަކަށް ޓެރިފް ބައިކޮށްފައިވެއެވެ. އޭގެ ފަހުން 2016 އަދި 2019 ވަނަ އަހަރު ކަރަންޓުގެ އަގުތަކަށް ޑިސްކައުންޓްތަކެއް ގެނެސް މާލެ އާއި ރަށްރަށުގެ އަގުތައް އެއް ހަމައަކަށް ގެނައެވެ. އެކަމަކު، ޖުމްލަކޮށް ޓެރިފްތަކަށް ބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ކަރަންޓު ބިލު ހަދަނީ، ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ ނިސްބަތަށް ބަލައި، ގޭގޭގައި ޖުމްލަކޮށް އެ މަހެއްގައި ބޭނުންކޮށްފައިވާ ކަރަންޓުގެ ޔުނިޓުގެ ބޭންޑުންނެވެ. އެގޮތުން މަދުން ބޭނުންކުރާ ގޭގެއަށް ބިލު ހަދާނީ ކުޑަ ރޭޓަކުންނެވެ. އަދި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ވަރަކުން، ޔުނިޓަކަށް ކަނޑައަޅާ އަގު ވެސް އިތުރުވެއެވެ.