ވިޔަފާރި / ޚަބަރު

ބޭންކުތަކަށް ލައިސަންސް ދޫކުރަނީ ޤާނޫނީ ހުރިހާ ކަމެއް ފުރިހަމަވުމުން: އެމްއެމްއޭ

ބޭންކުތަކަށް ލައިސަންސް ދޫކުރަނީ ޤާނޫނީ ހުރިހާ ކަމެއް ފުރިހަމަވުމުން: އެމްއެމްއޭ

އެމްއެމްއޭ، ފޮޓޯ: ފަޔާޒް މޫސާ

03 ޖޫން 2025، 07:41

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭންކިން ލައިސަންސް ދޫކުރަނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމުގައި އެ އޮތޯރިޓީއިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި މިކަން ތަފްސީލުކޮށްދީފައި ވަނީ، ބޭންކިންގ ލައިސަންސް ދޫކުރުމުގައި އެ އޮތޯރިޓީން ޢަމަލުކުރާ އިޖުރާއަތުތަކާގުޅޭ ގޮތުން ޢާންމުންނަށް އޮޅޭ ގޮތަށާއި، ލައިސަންސިންގ ނިޒާމުގެ ނަޒާހަތްތެރިކަން ގެއްލޭ ގޮތަށް ތެދު ނޫން ޚަބަރު ފަތުރާތީކަމަށް އެ އޮތޯރިޓީއިން ހާމަކުރެއެވެ.

ނޫސްބަޔާނުގައިވާ ގޮތުން އެމްއެމްއޭއިން ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރަނީ 3 މަރުޙަލާއަކަށެވެ. އެއީ، ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަރުޙަލާ އާއި، ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގެ މަރުޙަލާ އާއި، ލައިސަންސް ދިނުމުގެ މަރުޙަލާއެވެ.

އެގޮތުން ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގެ މަރުޙަލާގައި ބަލަނީ މާލީ ޤާބިލުކަމަށާއި، ސޯސް އޮފް ކެޕިޓަލްއަށާއި، ޙިއްސާދާރުންނާއި ސީނިއަރ މެނޭޖްމެންޓްގެ ފިޓް އެންޑް ޕްރޮޕަރ އަށާއި، ހުށަހަޅާފައިވާ ބިޒްނަސް ޕްލޭންއަށްކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. އަދި މި މަރުހަލާގައި އެ އޮތޯރިޓީގެ ތިން ލެވެލްއެއްގައި ކަންކަން ބަލައެވެ. އެންމެ ފުރަތަމަ ލައިސަންސް ސެކްޝަނުން ބެލުމަށްފަހު އެ ސެކްޝަނުގެ ލަފާ ގެންދަނީ އެ އޮތޯރިޓީގެ "އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގ" އަށެވެ. އެ ކޮމެޓީއިން އަނެއްކާ ވެސް އެ އެޕްލިކޭޝަނެއް ވަޒަންކުރުމަށްފަހު ގަވަރުނަރަށް ހުށަހެޅުމުން، އެ ހުށަހެޅުން ގަވަރުނަރު ގެންދަނީ އޮތޯރިޓީގެ ބޯޑަށެވެ. އަދި އެއަށްފަހު ލައިސަންސް ދިނުމާގުޅޭ ގޮތުން ގޮތެއް ނިންމާނީ އޮތޯރިޓީގެ ބޯޑުންކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.

އެ އޮތޯރިޓީގެ ބޯޑުން ޙުއްދަ ލިބުމުން، ވަކިކަމެއް ފުރިހަމަކުރަން (މިސާލަކަށް، ކުންފުނި ރަޖިސްޓަރ ކުރުމަށާއި، އައިޓީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށާއި، ތަން އޮޕަރޭޝަނަލައިޒްކުރުމަށް) އޮތްނަމަ ފުރަތަމަ ދޫކުރަނީ "ކޮންޑިޝަނަލް" ހުއްދައެއް ކަމަށާއި، އެ މުއްދަތުގެ ތެރޭގައި، ބޭންކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފިނަމަ، އެމްއެމްއޭއިން އެތަނެއް އެސެސްކުރުމަށްފަހު އޮޕަރޭޝަން ފެށުމަށް ލައިސަންސް ދޫކުރާނެކަމަށް ހާމަކޮށްފައިވެއެވެ.

އަދި ވަޒަންކުރުމުގެ މަރުހަލާގައި ބޯޑުން ހުއްދަ ނުދިނުމަށް ނިންމި ނަމަވެސް، ޤާނޫނުގެ ދަށުން ލާޒިމްކުރާ "ކޫލިންގ އޯފް ޕީރިއަޑް"އަށް ފަހު އަލުން ލައިސަންސްއަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮވެއެވެ. އެގޮތުން ދެވަނަ ފަހަރަށް ހުށަހެޅުމުން އަނެއްކާ ވެސް ވަޒަންކުރުމުގެ މަރުހަލާ ހިންގޭނެ ކަމަށާއި، ދެވަނަ މަރުހަލާގައި ކަންކަން ފުރިހަމަނަމަ ބޯޑުން ނިންމާ ގޮތެއްގެ މަތިން ޙުއްދަ ދޫކުރާނެކަމަށް ވެސް އެ އޮތޯރިޓީއިން ހާމަކުރެއެވެ. 

އެމްއެމްއޭއިން ބުނީ ދާއިރާގެ ނަޒާހަތްތެރިކަން ހުރިހާ ހަރުފަތެއްގައި ވެސް ޤާއިމްކުރާކަން ކަށަވަރުކުރުމަކީ އެ އޮތޯރިޓީއިން އެންމެ އިސްކަންދޭކަންތައް ކަމަށާއި، އެއާއެކު  ދިވެހިރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް މި އޮތޯރިޓީން ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS