ޚަބަރު
ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ސެޕްޓެމްބަރު މަހު ބާއްވަނީ

ޤައުމީ މުބާރާތުގެ ތެރެއިން/ފޮޓޯ: ދިޔަރެސް
ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ނިންމަވާފައިވާކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.
މިއަހަރުގެ ވެސް މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ޖުމްލަ 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ، ސްކޫލު ކުދިންގެ ބަޔާއި، ހާފިޒުންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ. އެގޮތުން، ޙާފިޒުންގެ ބައިގައި ބައިވެރިވެވޭނީ މުޅި ޤުރުއާން ހިތުދަސްކޮށް ތަޖުވީދުގެ ހަމަތަކާއެކު ކިޔަވާ ބައިވެރިންނަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ މުއައްސަސާއަކުން ވެސް ބޭނުން ޢަދަދަކަށް ޙާފިޒުން ބައިވެރިކުރެވޭއިރު، އަމިއްލަ ގޮތުންވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ.
މީގެ އިތުރުން، މި މުބާރާތުގައި މުއައްސަސާތަކުގެ ބައިގައި ބައިވެރިވެވޭނީ ކަމާ ބެހޭ އިދާރާއެއްގައި ކިޔަވައިދެއްވުމަށް ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކިޔަވައިދޭ ތަންތަންކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. ހަމަ އެހެންމެ، ސްކޫލް ކުދިންގެ ބައިން ބައިވެރިވެވޭނީ ތަޢުލީމީ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް-5 އާ ދެމެދުގެ ދަރިވަރުންނަށެވެ.
މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮތްޕާއި، ހާފިޒުންގެ ގޮފި ހިމެނޭހެން ޖުމްލަ 3 ގޮތްޕަކަށް ކިޔެވުން ކުރިއަށްދާނެއެވެ. އަދި މިއިން ކޮންމެ ބަޔަކުން ވެސް 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، މުޅި މުބާރާތުން ވެސް މި ވަނަތައް ހޮވުމަށް ނިންމާފައިވާއިރު، މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމެއް ދެއްވާނެއެވެ.