ވިޔަފާރި / ޚަބަރު
ދައުލަތުގެ އާމްދަނީ 16.5 ބިލިއަނަށް އަރައި، %7.6 އިތުރުވެއްޖެ

މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިން ވަނީ އިތުރުވެފައި ---

ފަރުދުން
05 ޖޫން 2025، 02:46
05 ޖޫން 2025، 02:46
މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 16.5 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %7.6 ގެ އިތުރުވުމެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުގައިވާގޮތުން، މި އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސްގެ އާމްދަނީގެ ގޮތުގައި ލިބުނު 13 ބިލިޔަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3.4 ބިލިޔަން ރުފިޔާއެވެ.
ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، ޓެކްސް ރޭޓުތަކަށް ގެނައި ބަދަލާ ގުޅިގެން ޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %14.8 އިތުރުވެފައިވެއެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ މި މުއްދަތާއި، މި އަހަރާއި އަޅާ ބަލާއިރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުމާ ގުޅިގެން، ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 8.3% ވަނީ އިތުރުވެފައެވެ. އަދި ޓެކުހާއި ޓެކްސް ނޫން ގޮތުގައި ލިބުނު އާމްދަނީއަށް %49.8 ވަނީ އިތުރުވެފައެވެ.
މި އިތުރުވުމާއެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %5.2 އިތުރުވެފައެވެ. އާމްދަނީގެ އިތުރުވުމާއެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް %47.1 އިތުރުވެފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދައުލަތުގެ ޚަރަދު ވެސް މި މުއްދަތުގައި ކުޑަވެފައި ވެއެވެ. އެގޮތުން ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 15.3 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު %16.3 ދަށް ޢަދަދެކެވެ. އޭގެތެރެއިން ދައުލަތުގެ ރިކަރަންޓް ޚަރަދު %2.0 ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ %65.5 ދަށްވެފައެވެ.
2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ %41.6 ، 29 މެއިގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފައެވެ. އަދި މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ %31.1 އެވެ.