Ads by Stelco

ޚަބަރު

ސަރުކާރުގެ ޓެކްސީ ޚިދުމަތް މިއަންނަ އޯގަސްޓުގައި ފަށަނީ

ސަރުކާރުގެ ޓެކްސީ ޚިދުމަތް މިއަންނަ އޯގަސްޓުގައި ފަށަނީ

ސަރުކާރުގެ ޓެކްސީލައިންގައި ހަނިމަގުތަކަށް ޙާއްސާ ޓެކްސީ ވެސް ހިމެނޭ، ފޮޓޯ: ފަޔާޒް މޫސާ

08 ޖޫން 2025، 12:54

ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީގެ ޚިދުމަތް މި އަހަރުގެ އޯގަސްޓު މަހުގެ ފަހުކޮޅު ފެށޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިން މަސައްކަތް ކުރަމުން ދިޔައީ ޖުލައި މަހު މި ޚިދުމަތް ފެށުމަށްޓަކައެވެ. ނަމަވެސް ޓެކްސީތައް އުފެއްދުމުގެ މަސައްކަތަށް ރިއާޔަތްކުރުމަށްފަހު، އޯގަސްޓު މަހަށް އެ ޚިދުމަތް ފެށުމަށް ފަސްކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ފުލް އީވީ ސެޓަޕެއްވީމަ، މީގަ ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި. ސަޕްލަޔަރުންވެސް ކަނޑައެޅިފައި ހުރީ. އެ ބޭފުޅުންނާއިއެކު އެގްރިމެންޓްވެސް ހައްދަވާފައި ހުރީ. މިހާރު ޕްރޮޑަކްޝަން ލައިނަށް ބަލާއިރު، މިމަހުގެ 10 ގައި ޕްރޮޑަކްޝަން ފެށޭނެ. އިރާދަކުރެއްވިއްޔާ އޮން ލައިން މިއޮތީ.

ވަޒީރު އަމީން ވިދާޅުވިއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ޓެކްސީތައް ސަޕްލައިކޮށްދޭނެ ފަރާތެއް މިހާރު ކަނޑައަޅާފައިވާކަމަށެވެ.. އަދި މި މަހު 10 އެއްގައި ޕްރޮޑަކްޝަންގެ މަސައްކަތްތައް ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ޓެކްސީގެ ޚިދުމަތް ޤާއިމްކުރުމަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. މިއީ ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށާއި ޒަމާނީ ޓެކްސީ ޚިދުމަތެއް ތަޢާރަފްކޮށް މިހާރު ދެމުންދާ ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބާރު އެޅުމަށް ސަރުކާރުން ތަޢާރަފްކުރާ ޚިދުމަތެކެވެ.

މީގައި ޤަބޫލްކުރައްވަން ޖެހޭ އެއް ހަޤީޤަތަކީ މިއީ އަޅުގަނޑުމެން ފިހާރައަކަށް ވަދެ ގަންނަން ލިބޭ ކަހަލަ އެއްޗެއް ނޫންކަން. އަޅުގަނޑުމެން ބޭނުންވާ ސައިޒުގެ ޓެކްސީ، އަޅުގަނޑުމެން ބޭނުންވާ ލިވަރީގައި، އަޅުގަނޑުމެން ބޭނުންވާ ހުރީ އިކުއިޕްމެންޓްސްތައް ހަރުކޮށްގެން، ރާއްޖެއިން ބޭރުން ތައްޔާރުކޮށްގެން ގެންނައިރު. މި ޓައިމްލަނަށް ބައެއް ބަދަލުތައް އަންނާނެ. އިރާދަކުރައްވިއްޔާ އޮގަސްޓުގެ ފަހުކޮޅަށްވުރެ ލަހެއް ނުވާނެ މި ޓެކްސީ ލައިން ފެށުމަށް. އަޅުގަނޑުމެން އުއްމީދަކީ އޯގަސްޓް ފަހުކޮޅު ރައްޔިތުންނަށް ޚިދުމަތް ލިބިގެން ދިއުން.

ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

އަދި މިކަމުގެ ސަބަބުން ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކަށް އެއްވެސް އުނދަގުލެއް ނުވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން މިކަމުގެ ސަބަބުން ޓެކްސީ ޚިދުމަތް ދޭ ޑްރައިވަރުންނަށް ދައިމީ ވަޒީފާތަކެއް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މިގޮތަށް ވަޒީފާ ދިނުމުގައި ދަތުރުފަތުރާ ބެހޭ ވުޒާރާގައި އޮންނަ ޓެކްސީ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގަ ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ދިނުމަށް ދާއިމީ ވަޒީފާގައި ޑްރައިވަރުން ނަގާއިރު ޕާޓް ޓައިމްކޮށް ދުއްވަން ވެސް ޑްރައިވަރުން ނަގާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS