Ads by Stelco

ޚަބަރު

އަހަރުގެ 65 ވަނަ ބަންދު ދުވަހަށްފަހު ސަރުކާރު އޮފީސްތައް ރަސްމީކޮށް ހުޅުވައިފި

އަހަރުގެ 65 ވަނަ ބަންދު ދުވަހަށްފަހު ސަރުކާރު އޮފީސްތައް ރަސްމީކޮށް ހުޅުވައިފި

ދެ މީހަކު ވެލާނާގެއަށް ވަންނަނީ، ފޮޓޯ: ސަން

10 ޖޫން 2025، 08:12

އަޟްހާ އީދުގެ މުނާސަބަތުގައި އިއްޔެ ފާހަގަކުރި ފަހު ދުވަހާއެކު، މި އަހަރުގެ 65 ވަނަ ބަންދު ދުވަހަށްފަހު ސަރުކާރު އޮފީސްތައް މިއަދު ހުޅުވައިފިއެވެ.

އަޟްހާ އީދާ ގުޅިގެން މިފަހަރު ލިބުނު ޗުއްޓީ ކުރުކަމުން، ގިނަ ބަޔަކު އެކަމާ މާޔޫސްވިއެވެ. އެއީ ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. ރާއްޖޭގެ ގިނަ ބަޔަކު ދިރިއުޅެނީ މާލޭގައި ކަމުން، އަޟްހާ އީދަކީ އާންމު ގޮތެއްގައި އެ މީހަކު ނިސްބަތްވާ ރަށަކަށް ޒިޔާރަތްކޮށް، އާއިލީ ގުޅުންތައް ބަދައިކުރުމަށް ލިބޭ ރަގަޅު ފުރުސަތެކެވެ. މީގެ އިތުރުން، ދިވެހިންގެ ސަގާފީ ކުޅިވަރުތަކާއި، ރަށްރަށުގައި އީދު ފާހަގަ ކުރުމަށް ކޮށްއެޅޭ ކަންކަން ހަމަލޮލުން ބަލާލުމަށް މިއީ މާލޭގެ ސުކޫލުތަކުގައި އުޅޭ ކުދިންނަށް ވެސް ލިބޭ ރަނުގެ ފުރުސަތެކެވެ.

ނަމަވެސް މިފަހަރުގެ ބޮޑު އީދު ޗުއްޓީ، ކުޑަ އީދު ޗުއްޓީއަށް ވުރެ ކުޑައެވެ. އެހެންކަމުން އީދު ކުޅިވަރުތައް ވަކި ހިސާބަކުން މެދުކަނޑާލުމަށްފަހު ގިނަ ބަޔަކަށް ޖެހުނީ އަނބުރާ މާލެ ފުރާށެވެ.

ބޮޑު އީދު ބަންދާ ގުޅިގެން ސަރުކާރުން ނިންމާފައި އޮތީ، ކަލަންޑަރުގައި އޮތް ގޮތަށް އަމަލު ކުރުމަށެވެ. އެއީ އީދާ ގުޅިގެން އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަސް ބަންދު ނުކުރުމަށެވެ. 

މިކަމުގައި ފާހަގަކޮށްލަންޖެހޭ ކަމަކީ، މި އަހަރުގެ މިހާތަނަށް އައި ދުވަސްތަކުގެ ތެރެއިން، %40 ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތައް ކަމެވެ. އެގޮތުން މިހާތަނަށް ޖުމްލަ 161 ދުވަސް ފާއިތުވެފައިވާއިރު ސަރުކާރު ބަންދު 65 ދުވަސް އައެވެ. އެއީ ކަލަންޑަރުގައި ހިމަނާފައިވާ ދުވަސްތަކުގެ އިތުރުން، އެކިކަންކަމާ ގުޅިގެން ސަރުކާރު ބަންދުކުރި ދުވަސްތައް ހިމެނޭހެންނެވެ. 

ކަލަންޑަރުގައި ނުހިމަނައި ބަންދުކުރި ދުވަސްތަކަށް ބަލާލާއިރު، އެންމެ ފުރަތަމަ ބަންދުކުރީ މި އަހަރުގެ ދެވަނަ ދުވަހެވެ. އެ ދުވަސް ބަންދުކުރީ މީލާދީ އާ އަހަރު ފެށޭ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، އެ ދުވަސް ބުދަ ދުވަހަކަމަށްވެފައި،  ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަސް ބަންދުކުރުމުން މެދުކެނޑުމެއްނައިސް ޗުއްޓީ ލިބޭގޮތަށް ހަމަޖެއްސުމަށެވެ.

އެއަށްފަހު ދެން ބަންދުކުރީ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހެވެ. އެއީ އެ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަށް ވުމުންނެވެ. މީގެ އިތުރުން މާރިޗު 2 ވަނަ ދުވަސް ވެސް ބަންދުކޮށްފައިވެއެވެ. އެއީ ރާއްޖެއަށް އޭރުކުރި ވިއްސާރައާ ގުޅިގެން މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކަކާ ކުރިމަތިލާންޖެހުމާ ގުޅިގެން ބަންދުކުރި ދުވަހެކެވެ.

ދެން އައީ ރަމަޟާން މަހުގެ ފަހު 10 އަކާއި ފިތުރު އީދާ ގުޅިގެން އައި ބޮޑު ބަންދެވެ. އެ ބަންދުގައި ޖުމްލަ 17 ދުވަސް ލިބިފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS