Ads by Stelco

ޚަބަރު

ޝެއިހް ފަރީދު ވަކިވެގެން އެ ދިޔައީ ފުރަތަމަ ކާފަ ދަރިފުޅު އުރާލަން ވެސް ނުލިބި

ޝެއިހް ފަރީދު ވަކިވެގެން އެ ދިޔައީ ފުރަތަމަ ކާފަ ދަރިފުޅު އުރާލަން ވެސް ނުލިބި

ފަޟީލަތުއް ޝެއިހް އިބްރާހިމް ފަރީދު (ވ) އަދި ދަރިފުޅު އަބްދުالله ފަރީދު (ކ)، ފޮޓޯ: އަބްދުالله ފަރީދު

10 ޖޫން 2025، 07:42

ފަޟީލަތުއް ޝެއިހް އިބްރާހިމް ފަރީދު ވަކިވެގެން އެ ދިޔައީ، ލިބުނު ފުރަތަމަ ކާފަ ދަރިފުޅު ފެނުނު ނަމަވެސް އުރާލަން ނުލިބެނީސްކަމަށް، ފަރީދުގެ ފިރިހެން ދަރިފުޅު، އަބްދުالله ފަރީދު ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އަބްދުالله ބުނީ، ވިއްސާ ކޮޓަރިން އޭނާގެ ދަރިފުޅު ނެރުނު ވަގުތު ޝެއިހް ފަރީދު ހުންނެވި ކަމަށާއި، އަދި އެއީ ޝެއިހަށް ކާފަ ދަރިފުޅު ފެނުނު ފުރަތަމަ އަދި އެންމެ ފަހު ފަހަރު ކަމަށެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލިއިރު، ޝެއިހް މެލޭޝިއާއަށް ފުރާވަޑައިގަންނަވަން ޖެހިފައި އޮތުމުން، ދަތުރުގެ ކުރިން ދިމާނުވީކަމަށް އޭނާ ބުންޏެވެ.

ވިއްސާ ކޮޓަރިން ނެރުނު ވަގުތު ބައްޕަ އަޅުގަނޑު ގާތުގައި ހުއްޓެވެ. އެ ވަގުތަކީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނުނު ފުރަތަމަ އަދި ފަހު ފަހަރެވެ. އިރާދަފުޅުން ގަދަވެ ކާފަގެ ލޯބި ދޫކޮއްލި އިރު ވަނީ ދީނީ ދަޢުވަތުގެ މަސަތްކަތެއްގައި ފުރާ ވަޑައިންނަވަން ޖެހިފަ އެވެ.

އަބްދުاللهގެ މެސެޖުގައި ވެއެވެ.

އަދި އަބްދުالله އިންތިޒާރު ކުރަމުން ދިޔައީ، ބައްޕަ މާލެ އައިސް، ކާފަ ދަރިފުޅު އުރާލަން ދެވޭނެ ފުރުސަތަކަށްކަމަށް ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖުގައި ވެއެވެ. ނަމަވެސް، ބައްޕަ އައުމުގެ ބަދަލުގައި ދެން ލިބުނީ ބައްޕައަށް ދުވަހަކުވެސް ނާދެވޭނެ ވާހަކަ ކަމަށް އަބްދުالله ކިޔާދިނެވެ.

އޭނާގެ މަންމަ އިއްޔެ ގުޅާފައި ގިސްލަމުން ބައްޕަގެ ޚަބަރު ބަލާދޭން ބުނުމުން ބައްޕައާއެކު ދަތުރު ކުރި ޚިދުމަތް ޖަމްޢިއްޔާގެ އިސްވެރިއަކަށް ގުޅިކަމަށް އަބްދުالله ބުންޏެވެ. އަދި އެ ފޯނު ކޯލުން ލިބުނީ ހިތް ކުދިކުދިކޮށްލި ހިތާމަވެރި ހަބަރުކަމަށް އޭނާ ބުންޏެވެ.

އިންތިޒާރު ކުރަމުން މިއައީ ބައްޕައާއި ބައްދަލުވެ ކާފަގެ ލޯބި އުރާލަން ދެވޭނެ ފުރުސަތަކަށެވެ. ނަމަވެސް ދެން އައީ އަޅުގަނޑުގެ ލޯބިވާ މަންމަގެ އަސަރުގަދަ ކޯލެކެވެ. މަންމަ ގިސްލަމުން އެދުނީ ބައްޕަގެ ޚަބަރެއް ބަލާދިނުމަށެވެ. އަޅުގަނޑު ވަގުތުން ބައްޕައާއެކު ދަތުރު ކުރި ޚިދުމަތް ޖަމްޢިއްޔާގެ އިސްވެރި އަކަށް ގުޅީމެވެ. އެ ވަގުތު މެދުކެނޑުމެއް ނެތި ބައްޕައަށް އަވަސް ފަރުވާދޭ މެށިނު ތަކުގެ އަޑު ކަންފަތުގައި ޖެހުނެވެ. ދެން އިވުނީ ބައްޕަ އަވަހާރަވެއްޖެ ކަމުގެ ހިތާމަވެރި ޚަބަރެވެ.

އަބްދުاللهގެ މެސެޖުގައި ވެއެވެ.

ނަމަވެސް އެ ޒުވާނާ ހިތްވަރު ގަދައެވެ. އަބްދުالله ހަނދާންކުރީ އޭނާގެ ބައްޕަގެ ހެޔޮ ނަސޭހަތެވެ. އޭނާ ބުނީ ބައްޕަގެ ޞާލިހް ދަރިއެއްގެ ގޮތުގައި ދެމިހުންނާނެކަމަށެވެ. އަދި ޝެއިހްގެ ކާފަ ދަރިފުޅަށް ދޭން އޮތް ނަސޭހަތަކީ ވެސް، އޭނާއަށް ޝެއިހް ދެއްވި ނަސޭހަތްކަމަށެވެ.

ޝެއިހްއަކީ ކޮންފަދަ މާތް ބޭފުޅެއް ތޯއެވެ. ދީނީ ކަންކަމަށް ގޮވާލެއްލީ ތިމާ އާއި އާއިލާ ވެސް އިސްލާމްކަމުން ޒީނަތްތެރިކުރުމަށްފަހުއެވެ. 

އަބްދުالله ބުނީ އޭނާގެ ބައްޕަގެ އެންމެ ފަހު މެސެޖަކީ " ما شاء الله تبارك الله ކާފަގެ ލޯބި..!" ކަމަށެވެ. އޭނާ ހިއްސާކޮށްފައިވާ ވައިބާ ޗެޓްލޮގްގެ ސްކްރީން ޝޮޓުން އެނގޭ ގޮތުގައި، ޝެއިހް އެހެން ވިދާޅުވީ ޝެއިހްގެ ކާފަ ދަރިފުޅުގެ ފޮޓޯއެއް ފޮނުވުމުންނެވެ. 

ޝެއިހް ފަރީދު ވަކިވެގެން އެ ދިޔައީ ފުރަތަމަ ކާފަ ދަރިފުޅު އުރާލަން ވެސް ނުލިބި

ފަޟީލަތުއް ޝެއިހް އިބްރާހިމް ފަރީދު އާއި ދަރިފުޅުގެ ވައިބަރ ޗެޓް ލޮގު، ފޮޓޯ: އަބްދުالله ފަރީދު

ޝެއިހް ފަރީދު އަހަރެމެންނާ ވަކިވެގެން އެ ދިޔައީ ގިނަ ބަޔަކު ރޮއްވާލާފައެވެ. އެއީ ދީނަށް ގޮވާލެއްވުމަށް ޖެހިލުމެއް ނެތި ޖާނުން ގުރުބާންވި ބޭފުޅެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 

ޝެއިހްގެ ޖަނާޒާ ބޭއްވުމާށް ނިންމާފައިވަނީ މެލޭޝިއާގައެވެ. އަދި މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ޝެއިހްގެ ޖަނާޒާގެ ކަންކަން ނިމިއްޖެނަމަ، ހުކުރުދުވަހުގެ ހުކުރު ނަމާދަށް ފަހު ޝެއިޚްގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ. 

ޝައިޚް ފަރީދު ނިޔާވެފައިވަނީ ދަޢުވާގެ މަސައްކަތުގައި މެލޭޝިޔާއަށް ކުރެއްވެވި ދަތުރެއްގައި، މެލޭޝިޔާއަށް ވަޑައިގަންނަވައި ބޯޓުން ފައިބައިވަޑައިގަންނަވަނިކޮށް ވެއްޓި ވަޑައިގެން ފަރުވާދެމުންދަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS