Ads by Stelco

ޚަބަރު

މި އަހަރު ނިމެންވާއިރު މަސްވެރިކަމުގެ ވެލިއު ޗެއިން ޑިޖިޓަލައިޒް ކުރާނަން: ޝިޔާމް

މި އަހަރު ނިމެންވާއިރު މަސްވެރިކަމުގެ ވެލިއު ޗެއިން ޑިޖިޓަލައިޒް ކުރާނަން: ޝިޔާމް

އެންވަޔަރަމަންޓަލް ޖަސްޓިސް ފައުންޑޭޝަން (އީޖޭއެފް) އިން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވަޒީރު ވާހަކަފުޅު ދެއްކެވުން، ފޮޓޯ: މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

11 ޖޫން 2025، 08:16

މި އަހަރު ނިމެންވާއިރު މުޅި މަސްވެރިކަމުގެ ވެލިއު ޗެއިން ޑިޖިޓަލައިޒް ކުރާނެކަމުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގެ ހަވާސާގައި އެންވަޔަރަމަންޓަލް ޖަސްޓިސް ފައުންޑޭޝަން (އީޖޭއެފް) އިން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްވެރިކަން ޑިޖިޓަލައިޒްކުރުމަށް ރާއްޖެއިން ގިނަ ފިޔަވަޅުތަކެއް އަޅަމުންގެންދާ ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން އުޅަނދު ފަހަރުގެ މިލްކުވެރިކަމުގެ މައުލޫމާތު ފުރިހަމައަށް ބެލެހެއްޓޭނެ ގޮތް ހެދުމާއި، ހާމަކަން ބޮޑު ގޮތެއްގައި އުޅަނދުގެ ވެރިފަރާތުގެ މައުލޫމާތު އާންމުންނަށް ލިބޭނެ ގޮތް ހެދުން ހިމެނެއެވެ. 

މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވަޒީރު ވިދާޅުވީ، ޑިޖިޓަލައިޒްކުރުމާއެކު ލިބޭ ޑޭޓާއަކީ މުހިންމު އަދި ވަރުގަދަ ވަސީލަތެއް ކަމަށާއި ގާނޫނުތައް ތަންފީޒުކުރުމަށާއި ހުރިހާ ސްޓޭކްހޯލްޑަރުންގެ މެދުގައި އިތުބާރު އުފެއްދުމަށް ވެސް ޑޭޓާއަކީ މުހިންމު ދައުރެއް އަދާކުރާ މައުލޫމާތެއް ކަމަށެވެ.

މީގެއިތުރުން، ބައިނަލްއަގްވާމީ ގޮތުން ކާމިޔާބުކުރަންޖެހޭ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ބޮޑެތި ގައުމުތަކުގެ ތާއީދު ލިބިގެން ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން ނަމޫނާ ދައްކާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ މަސްވެރިކަމުގެ ތަސައްވުރާ އެއްގޮތަށް، މި އަހަރު ނިމޭއިރު މުޅި މަސްވެރިކަމުގެ ވެލިއު ޗެއިން ފުރިހަމައަށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ކޮންފަރެންސްގެ ތެރެއިން، ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް(އެފްއޭއޯ)ގެ ޑިރެކްޓަރ ޖެނެރަލްއާ ވެސް ވަޒީރު ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އެ އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ވަނީ އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ގާއިމްކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS