ޚަބަރު
މިއަދު ވެސް މޫސުން ގޯސް - ހއ އަތޮޅުން މ އަތޮޅަށް ހުދު ސަމާލު ނެރެފި

ކަނޑުގަދަ ދުވަހެއްގައި މާލެ ކައިރިން ދަތުރުކުރަމުން ދިޔަ އެމްޓީސީސީގެ ފެރީއެއް، ފޮޓޯ: ސަން
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން މ އަތޮޅާ ހިސާބަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ލަފާކޮށްފައިވާ ގޮތުގައި، މިއަދުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 02:30 އާ ހަމައަށް ހއ އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް ވައި ގަދަވާނެއެވެ. އަދި އެހެންކަމުން ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ވައިޓް އެލާޓު ނެރެފައިވާ މުއްދަތުގައި އެވަރެޖުކޮށް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.
Alert white for strong winds and rough seas. pic.twitter.com/nmCIihOADO
— Maldives Meteorology (@MetMaldives) June 11, 2025
މީގެ ތިން ދުވަސް ކުރިން މެޓު އޮފީހުން ނެރުނު ބަޔާނެއްގައި އޮތީ، 2025 ޖޫން 9 ވާ ހޯމަ ދުވަހުން ފެށިގެން ފަސް ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވެ، ވިއްސާރަވެ، ކަނޑު ގަދަވާނެ ކަމަށެވެ. މި މުއްދަތުގައި ރާއްޖޭގެ ސަރަހައްދުގައި އާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ އިންޒާރު ދީފައެވެ.
މި ހާލަތާ ގުޅިގެން މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަދަ ވަޔާއި ބޯ ވާރޭއާ ގުޅިގެން ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.
މޫސުމަށް އަންނަ މި ބަދަލަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން އަންނަ ބަދަލެއްކަމަށް މެޓު އޮފީހުން ފާހަގަކޮށްފައިވެއެވެ.