ޚަބަރު
ޝެއިޚް ފަރީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިއާގައި ބާއްވަން ނިންމައިފި

ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ދަރުސެއްގައި ---
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިޔާގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މެލޭޝިއާއަށް ޝެއިޚް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން އެއާރޕޯޓުގައި ހުންނަވަނިކޮށް ނިޔާވުމާ ގުޅިގެން އާއިލާއިން ބޭނުންވީ ޝެއިޚުގެ ހަށިގަނޑު ޖަނާޒާއަށް މާލެ ގެނައުމަށެވެ. ނަމަވެސް މެލޭޝިއާގެ ގަވާއިދުތައް އޮންނަގޮތުން ގައުމުން ބޭރަށް މަރުވެފައިވާ މީހެއްގެ ހަށިގަނޑު ގެންދާނަމަ ޕޯސްޓުމޯޓަމް ހަދަންޖެހެއެވެ. އެހެންކަމުން އާއިލާއިން ނިންމީ ރާއްޖެ ނުގެނަސް މެލޭޝިއާގައި ޖަނާޒާ ބޭއްވުމަށެވެ.
އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި ޝެއިޚުގެ މައްޗަށްކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯރގެ ހާޖީ ފީސަބީލިﷲ މިސްކިތުގައިމަށާއި، މޫނު ދެއްކުން އޮންނާނީ 11:00 އިން 12:30އަށް ކަމަށެވެ. އަދި ޝެއިޚް ފަރީދު ވަޅުލުމަށް ހަމަޖެހިފައިވަނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައިކަމަށެވެ.
ޝެއިޚް ފަރީދަކީ ރާއްޖޭގައި އިސްލާމް ދީނުގެ ހެޔޮގޮތް ފެތުރެއްވުމަށް ބުރަމަސައްކަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރި ޢާލިމެކެވެ.