ދުނިޔެ
ޕުޓިން އެމެރިކާ އަދި އިޒްރޭލުގެ ހަމަލާތައް ކުށްވެރިކުރައްވައިފި: އިރާނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ރަޝިޔާއިން ތައްޔާރު

ޕުޓިން ހޯމަ ދުވަހު ކްރެމްލިންގައި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ ބައްދަލުކުރެއްވުން
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން، އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ "އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ އަދި ހިތްހަމަނުޖެހޭ އަދި ހަމަނުޖެހުން އުފައްދާނެ" ކަންކަން ކަމަށް ސިފަކުރައްވައި، އެ ހަމަލާތައް ކުށްވެރިކުރައްވައިފިއެވެ.
ޕުޓިން މިފަދައިން ވިދާޅުވީ، ހޯމަ ދުވަހު ކްރެމްލިންގައި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އަލްޖަޒީރާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕޫޓިން ވިދާޅުވީ "މި ކަމާ ނުގުޅޭ ހަމަލާތަކުގެ ދަނޑިވަޅުގައި ރަޝިޔާއިން އީރާނުގެ ރައްޔިތުންނަށް ފުރިހަމަ އެއްބާރުލުން ދޭނެ" ކަމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނުތައް ދިފާއުކުރުމާއި މެދުއިރުމަތީގެ ހަމަނުޖެހުން އިތުރަށް ގޯސްވެގެންދިޔަ ނުދިނުމަށް މޮސްކޯއިން ކަނޑައެޅިގެން އޮތް ކަމަށާއި، މިކަމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށް ޕޫޓިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ، ރަޝިޔާއިން އަބަދުވެސް ޑިޕްލޮމެޓިކް ދާއިރާއިން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވައި ޕޫޓިންއަށް ޝުކުރު އަދާކުރެއްވިއެވެ. އަރަގްޗީ ވިދާޅުވީ "ރަޝިޔާއިން ހިތްހެޔޮކަމުގެ ފަރާތުގައި ހުރީ" ކަމަށެވެ. އަރަގްޗީ ވަނީ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީއާއި ރައީސް މަސްއޫދު ޕެޒެޝްކިއަންގެ ހާއްސަ މެސެޖުތައް ޕޫޓިންއަށް އަރުވާފައެވެ. އެ މެސެޖުތަކުގައި މޮސްކޯއިން ދެމުންދާ އެއްބާރުލުމަށާއި ސުލްހައަށް ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަރަގްޗީ ވަނީ އާޔަތުﷲ ޚާމަނާއީގެ ސިޓީފުޅެއް ހިފައިގެން ޕޫޓިންއާ ބައްދަލުކުރައްވާފައެވެ. އެ ސިޓީފުޅުގައި އެމެރިކާއާއި އިޒްރޭލާއި ދެކޮޅަށް ރަޝިޔާގެ އެއްބާރުލުން އިތުރުކުރުމަށް އެދިފައިވެއެވެ. އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ، ރަޝިޔާއިން މިހާރު އެއްބާރުލުން ފުދޭވަރަށް ނުދޭކަމަށެވެ. އޭނާ ވިދާޅުވީ "އަޅުގަނޑުމެން ބޭނުންވަނީ ރަޝިޔާއިން އިތުރަށް ހުޅުވާލާފައި، އީރާނަށް ސިޔާސީ އަދި ސްޓްރެޓެޖިކް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް" ކަމަށެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅޭގޮތުން އީރާނާއި ރަޝިޔާގެ އޮފިޝަލުން ވަނީ އެމީހުންގެ މަޤާމުތައް އެއްގޮތްކޮށްފައެވެ. އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާ ދިނުމަށްފަހު އިތުރުވަމުންދާ ހަމަނުޖެހުންތަކަށް ރައްދު ދިނުމުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް މި ބައްދަލުވުންތަކުގައި ސަމާލުކަންދީފައިވެއެވެ. ކްރެމްލިންއިން ވަނީ އެ ހަމަލާތަކުގެ ސަބަބުން މުހިންމު ތިން ނިއުކްލިއަރ ފެސިލިޓީއަށް ގެއްލުންވެފައިވާކަން ކަށަވަރުކޮށްދީފައެވެ. މި ހަމަނުޖެހުންތަކުގެ ތެރެއަށް އިތުރު ފަރާތްތައް ވަނުމުން ރަޝިޔާއިން ކަންބޮޑުވުން ފާޅުކުރިއެވެ.
ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕެސްކޮވް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަސްކަރީ ހަމަލާތައް ދިނުމުގެ ކުރިން ޕޫޓިންއަށް އެއްވެސް އިންޒާރެއް ދީފައިނުވާ ކަމަށެވެ. ޕެސްކޮވް ފާހަގަކުރެއްވީ، ސަރަހައްދީ ހަމަނުޖެހުންތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ނަމަވެސް، ހަމަލާތައް ދިނުމުގެ ކުރިން އެއްވެސް އިންޒާރެއް ދީފައިނުވާ ކަމަށެވެ.
ޕެސްކޮވް ވިދާޅުވީ، ރަޝިޔާއިން މެދުވެރިއެއްގެ ދައުރު އަދާކުރަން ތައްޔާރުކަމަށާއި، ނަމަވެސް އީރާނުން ސާފު ސިގްނަލެއް ލިބިއްޖެނަމަ އެއްބާރުލުން ދިނުމަށް ތައްޔާރު ކަމަށެވެ. އޭނާ ވިދާޅުވީ "މޮސްކޯއިން ރައްދުދޭނީ ތެހެރާނުގެ ވަކިވަކި ޑިޕްލޮމެޓިކް ނުވަތަ ސްޓްރެޓެޖިކް ބޭނުންތަކަށް ބަލާފައި" ކަމަށެވެ. އަދި އެމީހުން ބޭނުންވަނީ ސުލްހަ ކަމަށާއި، މަސްއޫލިއްޔަތު އެނގިގެން ދެވޭ އެހީތެރިކަމުން ހަމަޖެހުން ގާއިމުކުރުމަށް ތައްޔާރުކަމަށްވެސް ޕެސްކޮވް އިތުރަށް ވިދާޅުވިއެވެ.