ކުޅިވަރު
ވީއޭއެމް ކަޕް: ޕޮލިސް ކްލަބުން ރަގަޅު ފޯމެއްގައި ކުޅެމުން އައި ސިފައިން ބަލިކޮށްފި

ޕޮލިސް ކްލަބާއި ސިފައިންގެ ކްލަބް ބައްދަލުކުރި މެޗު، ފޮޓޯ: ވީއޭއެމް
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑީވްސްގެ ވީއޭއެމް ކަޕްގައި ޕޮލިސް ކްލަބުން ރަގަޅު ފޯމެއްގައި ކުޅެމުން އައި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްފިއެވެ.
މި މެޗާ ހަމައަށް އައިއިރު އެއްވެސް ސެޓެއް ގެއްލިފައިނުވާ ސިފައިންގެ ކްލަބުން ވަނީ ފުރަތަމަ ދެ މެޗުގައި ސަދާރން ސްޕޯޓްސް ކްލަބާއި ފުވައްމުލަކު ސިޓީގެ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ކުޅުނު މެޗުތަކުން ސީދާ ތިން ސެޓުން ކުރި ހޯދާފައެވެ.
އަދި ޕޮލިސް ކްލަބުން މި މެޗަށް ނިކުތީ މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފައި ވަނިކޮށެވެ. އަދި ޕޮލިސް ކްލަބުން އިއްޔެގެ މެޗުގައި ސިފައިންގެ ކްލަބް ބަލިކުރީ 3-2 ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި ޕޮލިސް ކްލަބުން ކުރި ހޯދީ 25-19 ޕޮއިންޓުންނެވެ. ނަމަވެސް ދެވަނަ ސެޓު ހަމަ މި ނަތީޖާއިން ގެންގޮސް ސިފައިން ރަގަޅު ޖަވާބެއް ދިނެވެ.
މެޗުގެ ތިން ވަނަ ސެޓު ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. އެ ސެޓު 25-21 ޕޮއިންޓުން ކާމިޔާބުކޮށް ސިފައިން ލީޑު ނެގިއެވެ. ނަމަވެސް ޖެހިގެން އައި ސެޓު ޕޮލިހުން ކާމިޔާބުކުރިއެވެ. އެއީ 25-17 ޕޮއިންޓުންނެވެ.
މިއާއެކު ދެ ޓީމު އެއްވަރުވުމުން ނަތިޖާ ނެރުމަށް ކުޅުނު ސެޓު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 15-8 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ޓީމުގެ ލަންކާ ކުޅުންތެރިޔާ ޗިރާގެވެ.
އިއްޔެ ކުޅުނު އިތުރު މެޗެއްގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ވަނީ ދަ ސަދާރން ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ. މިއީ ދަނޑިމަގު ސްޕޯޓްސް މި މުބާރާތުގައި ކާމިޔާބުކުރި ދެވަނަ މެޗެވެ. އެ މެޗު ދަނޑިމަގުން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދަނޑުމަގުން ގެންދިޔައީ 25-20، 25-12 އަދި 25-19 ޕޮއިންޓުންނެވެ.