ކުޅިވަރު
ޤައުމީ ވޮލީ ލީގުގެ ފަހު ޖާގަ ޕޮލިސް ކްލަބުން ހޯދައިފި

ޕޮލިސް ކްލަބް، ފޮޓޯ: ވީއޭއެމް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤައުމީ ވޮލީބޯޅަ ލީގުގެ ފަހު ޖާގަ ޕޮލިސް ކްލަބުން ހޯދައިފިއެވެ.
ޕޮލިސް ކްލަބަށް ލީގުން ޖާގަ ލިބުނީ ޕްލޭ-އޮފް މެޗުގައި ސްޕޯޓްސް ސިޓީ ކްލަބް ބަލިކުރުމުންނެވެ.
ޤައުމީ ވޮލީ ލީގަށް ކޮލިފައި ވަނީ ވީއޭއެމް ކަޕްގެ އެންމެ މޮޅު ފަސް ޓީމެވެ. ނަމަވެސް އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު، ޕޮލިސް ކްލަބާއި ސްޕޯޓްސް ސިޓީ އޮތީ އެ ޓީމުތައް ހިމެނޭ ގްރޫޕްގެ ތިންވަނައިގައެވެ.
ޕޮލިހުން ޕްލޭ-އޮފް މެޗު ކާމިޔާބުކުރުމުން ޤައުމީ ލީގުގައި ދެން ވާދަކުރާނީ ކުލަބު އެޗްޑީސީ އާއި، ފުވައްމުލައް ސިޓީގެ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ދިވެހި ސިފައިންގެ ކުލަބެވެ.
ވީއޭއެމް ކަޕްގެ ފަސްވަނަ ކަށަވަރުކުރުމަށް ކުޅުނު ޕްލޭ-އޮފް މެޗުގައި މޮޅަށް ކުޅެފައި ވަނީ ޕޮލިސް ޓީމުންނެވެ. މި މެޗު ފަށައިގެން ސިޓީ ރަނގަޅަށް ކުޅެ ލީޑުގައި އޮތް ނަމަވެސް، ފުރަތަމަ ސެޓުގެ މެދަކާ ހަމައިން ޕޮލިސް ޓީމުން ކޮންޓްރޯލް އަތުލައި ސެޓު ކާމިޔާބު ކުރިއެވެ. މި ސެޓު ޕޮލިސް ޓީމުން ކާމިޔާބުކުރީ 25-22 އިންނެވެ. އަދި ދެވަނަ ސެޓު 25-22 ކާމިޔާބުކުރިއިރު ފަހު ސެޓު ޕޮލިހުން ގެންދިޔައީ 25-16 ޕޮއިންޓުންނެވެ.
އެ ސެޓާއެކު ޕޮލިހުން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.