Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސިންގަޕޫރުން ރަސްމީކޮށް މަރުޙަބާ ދެންނެވުން، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

03 ޖުލައި 2025، 06:16

03 ޖުލައި 2025، 06:16

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެ ވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވިގެންގޮސްފައިވެއެވެ. މި މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާ ކުރިޔަށްގެންދަވާފައި ވަނީ ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގާއާއެކުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާ ގުޅުންހުރި ފަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވެއެވެ. އެގޮތުން، ޤާބިލުކަން އިތުރުކުރުމުގެ ދާއިރާއިންނާއި، ތިމާވެށީގެ ތަރައްޤީގެ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ވަނީ ސޮއިކުރައްވާފައެވެ. މީގެ އިތުރުން، ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިޒާ އެކު ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވެއެވެ. އަދި ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާރސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައި، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާ ގުޅޭގޮތުން ދިވެހި ސަރުކާރާއި އޭ.ޕީ.އެމް އެސް.ޕީ.ވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

މީގެ އިތުރުން، މި އަހަރީ ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރާ އަހަރުކަމުން، ދެ ޤައުމުގެ 50 އަހަރުވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވާލައްވާފައިވާ ޚާއްޞަ ފޮތެއް، ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިންގަޕޫރުގެ ރައީސަށް ހަދިޔާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ރައީސް ތަރްމަން ޝަންމުގަރަނަމް ވަނީ، މި މުނާސަބަތާ ގުޅޭ ހަނދާނީ ސްޓޭމްޕް އިފްތިތާޙުކޮށްދެއްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މޯލްޑިވްސް- ސިންގަޕޯރ ބިޒްނަސް ފޯރަމްގައި ދިވެހި ސަރުކާރުން ވަނީ، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ވަކިވަކި ފަރުދުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އަގުވަޒަންކުރައްވައި އެ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވާފައެވެ. މި ފޯރަމްގައި ވަނީ، 2040 ވަނަ އަހަރަށް ދިވެހި ސަރުކާރުން ދެކޭ ތަޞައްވުރާ ގުޅުންހުރި ވުނަކުރުމުގެ ފުރުޞަތުތައްވެސް ހިއްސާކުރައްވާފައެވެ.

މި ދަތުރުފުޅުގައި، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވާފައިވެއެވެ. އަދި މި ދަތުރުފުޅުގައި، އެ ޤައުމުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނާއި އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި، ޓުއަސް ޕޯޓާއި، ޕްރާނަކަން ދާރުލްއާސާރާއި، ސިންގަޕޯ ފުޑް އޭޖެންސީއަށް ޒިޔާރަތްކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS