ކުޅިވަރު
އެޗްޑީސީ ބަލިކޮށް ވީއޭއެމް ކަޕްގެ ޗެމްޕިއަންކަން ޑީއެސްސީއިން ހޯދައިފި

ޑީއެސްސީއިން ވީއޭއެމް ކަޕްގެ ތަށި އުފުލާލުން---
އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އެޗްޑީސީ ބަލިކުރުމަށްފަހު، މައިލޯ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކަޕް 2025ގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އިން ހޯދައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފަސް ސެޓަށް ދެމިގެންގޮސްފައިވާއިރު، ޑީއެސްސީއިން މެޗު ކާމިޔާބުކުރީ 3-2 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކޮށް ލީޑު ނެގީ ވެސް ޑީއެސްސީއިންނެވެ. ވާދަވެރިކޮށް ކުރިޔަށް ދިޔަ މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 26-24 ޕޮއިންޓުންނެވެ. ނަމަވެސް ދެވަނަ ސެޓު ކާމިޔާބުކޮށް އެޗްޑީސީ ނަތީޖާ ހަމަހަމަކުރިއެވެ. މި ސެޓު އެޗްޑީސީއިން ކާމިޔާބުކުރީ 23-25 ޕޮއިންޓުންނެވެ.
އަދި ޖެހިގެން އައި ތިންވަނަ ސެޓު ކާމިޔާބުކޮށް އެޗްޑީސީއިން ފަހަތުން އަރާ ލީޑު ނެގިއެވެ. މި ސެޓު ކާމިޔާބުކުރީ 22-25 ޕޮއިންޓުންނެވެ.
މި ސެޓު ގެއްލުމުން ސިފައިންނަށް ލިބުނީ އައު ހިއްވަރެކެވެ. އެގޮތުން 25-20 ޕޮއިންޓުން ހަތަރުވަނަ ސެޓު ކާމިޔާބުކުރުމުން މެޗުގެ ނަތީޖާ އަނެއްކާ ވެސް ހަމަހަމަވެ، މޮޅުވާ ޓީމެއް ކަނޑައެޅުމަށް އިތުރު ސެޓެއް ކުޅެން ޖެހުނެވެ.
ފަހު ސެޓު 15-10 ޕޮއިންޓުން ކާމިޔާބުކޮށް ޑީއެސްސީއިން ތަށި އުފުލާލީ އެންމެ ފަހުގެ ޗެމްޕިއަން ބަލިކުރުމަށްފަހުއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބުގެ ޙުސައިން ޝާޙިދެވެ.