ކުޅިވަރު
ޤައުމީ ވޮލީ ލީގު: ފުރަތަމަ މެޗު ސިފައިން ކާމިޔާބުކޮށްފި

ޑީއެސްސީ އާއި ހުރާ ބައްދަލުކުރި މެޗު---
މައިލޯ ވީއޭއެމް ކަޕް 2025 ކާމިޔާބުކުރި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އިން، އެ ޓީމު ވޮލީބޯލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކުރާ މި މުބާރާތުގައި ރޭގެ މެޗު ހުރާ ކޮމިއުނިޓީ ކުލަބާ ދެކޮޅަށް ކުޅެ ޑީއެސްސީއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު 25-20 ޕޮއިންޓުން ޑީއެސްސީ ކާމިޔާބުކުރިއިރު، ދެވަނަ ސެޓު ހަމަ އެ ސްކޯރއިން ގެންދިޔައީ ހުރާއެވެ.
ނަމަވެސް އަނެއް ދެ ސެޓުގައި ޑީއެސްސީއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ދެ ސެޓު އެ ޓީމުން ގެންގޮސްފައިވަނީ 25-17 އަދި 25-23 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީއެސްސީގެ ބިދޭސީ ކުޅުންތެރިޔާ ލުއިޒް ފެލީޕޭ ފެރެއިރާ ޕެރޮއްޓޯއެވެ.
މި މެޗަކީ ޑީއެސްސީއަށް ފުރަތަމަ މެޗު ނަމަވެސް، ހުރާގެ ދެވަނަ މެޗެވެ. އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.
ޤައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަމުންދަނީ މި ފަހުން ނިމުނު ވީއޭއެމް ކަޕް 2025 ގެ ގަދަ ފަސް ޓީމެވެ. އެއީ ވީއޭއެމް ކަޕުގެ ޗެމްޕިއަނުން ކަމަށްވާ ޑީއެސްސީ އާއި ރަނަރަޕް، ކުލަބު އެޗްޑީސީ އާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ޕޮލިސް ކުލަބެވެ.
ޤައުމީ ވޮލީބޯޅަ ލީގުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ކުރިއަށް އޮތް ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.