ކުޅިވަރު
ޤައުމީ ވޮލީބޯޅަ ލީގު: ހުރާއިން އެންމެ ފަހުގެ ޗެމްޕިއަން އެޗްޑީސީ ބަލިކޮށްފި

ހުރާ އާއި އެޗްޑީސީ ބައްދަލުކުރި މެޗު، ފޮޓޯ: ޕީއެސްއެމް
ޤައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގައި ރޭ ހުރާ ކޮމިއުނިޓީ ކްލަބުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އެޗްޑީސީ ބަލިކޮށްފިއެވެ. މިއީ ހުރާއިން މުބާރާތުގައި ކާމިޔާބުކުރި ދެވަނަ މެޗެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކުރާ މި މުބާރާތުގައި ރޭ ކުޅުނު މެޗު ހުރާއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ ހުރާއިން، 25-19 ޕޮއިންޓުންނެވެ. ނަމަވެސް ދެވަނަ ސެޓު ކާމިޔާބުކޮށް އެޗްޑީސީއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އެ ސެޓު އެޗްޑީސީއިން ގެންދިޔައީ 22-25 ޕޮއިންޓުންނެވެ.
ދެވަނަ ސެޓާއެކު ހުރާއަށް ލިބުނީ އިތުރު ހިއްވަރެކެވެ. އެގޮތުން ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު 25-22 އަދި 25-21 ޕޮއިންޓުން ކާމިޔާބުކުރީ ހުރާއެވެ.
މި ނަތީޖާއާއެކު ހުރާއަށް ވަނީ ޖުމްލަ 6 ޕޮއިންޓު ލިބިފައެވެ. އެ ޓީމުން މިހާތަނަށް މުބާރާތުގައި 3 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން 2 މެޗު ވަނީ ކާމިޔާބުކޮށްފައެވެ.
އަނެއްކޮޅުން އެޗްޑީސީ ކުޅުނު ދެ މެޗުން ވެސް ވަނީ ވަނީ ބަލިވެފައެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަމުންދަނީ މި ފަހުން ނިމުނު ވީއޭއެމް ކަޕް 2025 ގެ ގަދަ ފަސް ޓީމެވެ. އެއީ ވީއޭއެމް ކަޕުގެ ޗެމްޕިއަނުން ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ރަނަރަޕް ކުލަބު އެޗްޑީސީ އާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ޕޮލިސް ކުލަބެވެ.