ޚަބަރު
ޔޫއެންޑީޕީއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ރެޒިޑެންޓް ރެޕްރެޒެންޓޭޓިވްގެ ފަތްކޮޅު އަރުވައިފި

ޔޫއެންޑީޕީ އިން ދިވެހިރާއްޖެ އަށް ކަނޑައެޅުއްވި އައު ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް، ޚާރިޖީ ވަޒީރާއި ބައްދަލުކުރެއްވުން/ފޮޓޯ: ޚާރިޖީ ވުޒާރާ
ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލަށް މަޤާމުގެ ފަތްކޮޅު އަރުވައިފިއެވެ.
ޔޫއެންޑީޕީން ދިވެހިރާއްޖެ އަށް ކަނޑައެޅުއްވި އައު ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަދްނާން ޗީމާ، މަޤާމުގެ ފަތްކޮޅު ޚާރިޖީ ވަޒީރަށް އަރުއްވާފައިވަނީ، މިއަދު ޚާރިޖީ ވުޒާރާގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ، ޔޫއެންޑީޕީން ދިވެހިރާއްޖޭގެ ތަރައްޤީއަށް ފޯރުކޮށްދެމުންދާ އެއްބާރުލުމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. ހަމަ އެހެންމެ، ޔޫއެންޑީޕީ ރެޕްރެޒެންޓޭޓިވްގެ ތަޖުރިބާއަށް ރިޢާޔަތްކޮށް، އެ މަނިކުފާނުގެ ދައުރުގައި ރާއްޖެ އާއި ޔޫއެންޑީޕީއާ ދެމެދު އޮތް ގުޅުން އިތުރުށް ބަދަހިވާނެކަމަށް ޤަބޫލުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ވަނީ، ރާއްޖެއަށް މިވަޤުތު ކުރިމަތިވެފައިވާ ހުރަސްތަކަށް ހައްލު ހޯދައިދީ، ރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް ޔޫއެންޑީޕީން ފޯރުކޮށްދެމުންދާ އެއްބާރުލުން އިތުރަށް ފުޅާކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ، ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޔޫއެންޑީޕީއިން އަދާކުރަމުންދާ މުހިންމު ދައުރު ކުރިއަށް އޮތް ތަނުގައިވެސް އަދާކުރުމަށް ބޭނުންވާކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އޮފީސް ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވަނީ 1978 ވަނަ އަހަރުއެވެ.