ކުޅިވަރު
ޤައުމީ ވޮލީ ލީގުގައި ޕޮލިސް ބަލިކޮށް އެޗްޑީސީއިން ޤައުމީ މުބާރާތުން ޖާގަ ކަށަވަރުކޮށްފި

ޤައުމީ ވޮލީ ލީގުގައި ޕޮލިސް ކްލަބާއި އެޗްޑީސީ ބައްދަލުކުރި މެޗު---
ޤައުމީ ވޮލީބޯޅަ ލީގު 2025ގެ ފިރިހެން ޑިވިޝަނުގައި ކްލަބް އެޗްޑީސީއިން ޕޮލިސް ކްލަބް ބަލިކޮށް، ޤައުމީ މުބާރާތުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މި މެޗު ގެއްލުމާ ގުޅިގެން، ޕޮލިސް ކްލަބަށް ޤައުމީ މުބާރާތުން މި އަހަރު ފުރުސަތެއް ނުލިބޭނެއެވެ.
މިއަދުގެ މެޗުގައި އެޗްޑީސީއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެ ޓީމުން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު 25-21 ޕޮއިންޓުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓުގައި ވަރުގަދަ ކުރިމަތިލުމެއް ފެނުނެވެ. އެ ސެޓު އެޗްޑީސީއިން ގެންދިޔައީ 26-24 ޕޮއިންޓުންނެވެ.
އެ ސެޓަށްފަހު ޕޮލިސް ޓީމުގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. އެ ސެޓު އެޗްޑީސީއިން ކާމިޔާބުކުރީ 14 ޕޮއިންޓުގެ ތަފާތަކުން، 25-11 ޕޮއިންޓުންނެވެ. އަދި މި މެޗާއިއެކު ޕޮލިސް ކުލަބަށް ވަނީ މި ސީޒަން ނިމިފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީގެ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ)އެވެ.