ކުޅިވަރު
ޤައުމީ ވޮލީ ލީގު: ފަހަތުން އަރާ ދަނޑިމަގު ބަލިކޮށް ސިފައިން ދެވަނަ ތައްޓާ ގާތަށް

ދިވެހި ސިފައިންގެ ކްލަބް---
ޤައުމީ ވޮލީބޯޅަ ލީގުގައި ރޭ ފަހަތުން އަރާ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ބަލިކޮށް، ދިވެހި ސިފައިން ކްލަބުން ސީޒަނުގެ ދެވަނަ ތަށި ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓުގައި ކުޅުނު މި މެޗު ސިފައިން ކާމިޔާބުކުރީ، ދަނޑިމަގުން ދެ ސެޓު ކާމިޔާބުކޮށްފައި ވަނިކޮށް، ފަހު ދިން ސެޓު ހޯދައިގެންނެވެ.
އެގޮތުން ފުރަތަމަ ދެ ސެޓު ދަނޑިމަގުން ކާމިޔާބުކުރީ 25-14 އަދި 25-23 ޕޮއިންޓުންނެވެ. އަދި ފަހު ތިން ސެޓު ސިފައިން ކާމިޔާބުކުރީ 25-22، 25-21 އަދި 15-5 ޕޮއިންޓުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން ރައްޒާންއެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ސިފައިން އޮތީ ކުޅުނު ތިން މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ހުރާ ކޮމިއުނިޓީ ކުލަބަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ދަނޑިމަގަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
މީގެ އިތުރުން އިއްޔެ ހަވީރު ކުޅުނު މެޗުގައި އެޗްޑީސީއިން ޕޮލިސް ކްލަބުގެ މައްޗަށް ކުރި ހޯދައި، ޤައުމީ މުބާރާތުގެ ޖާގައެއް ވަނީ ކަށަވަރުކޮށްފައެވެ.