ޚަބަރު
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންނަށް ސްމާޓް މީޓަރުގެ ޚިދުމަތް

ސްޓެލްކޯ

ފަރުދުން
09 ޖުލައި 2025، 01:14
09 ޖުލައި 2025، 01:14
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ ކަރަންޓު މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކޮށް ނިމޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޓްވީޓެއްގައި ފަހުމީ ވަނީ ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރެވި، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށް މަޢުލޫމާތު ދެއްވަވާފައެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ ކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ. ފަހުމީ ވިދާޅުވީ ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރުވެސް ފެންނަމުންދާނެ ކަމަށެވެ.
ފަހުމީ ފާހަގަކުރެއްވި ގޮތުގައި މި ޚިދުމަތާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ، ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ޚަރަދު ކުޑަކުރެވިގެން ދިއުމެވެ. މީގެ އިތުރުން، އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ސްޓެލްކޯ ކެއަރ މެދުވެރިކޮށް، ކަސްޓަމަރ ސަރވިސް މުވައްޒަފުންނާ މުޢާމަލާތުކުރުމުގެ ފުރުޞަތުވެސް މި ސްމާޓް އެޕްލިކޭޝަނުން ލިބިގެންދާނެކަންވެސް ފަހުމީގެ މި ޓްވީޓްގައި ފާހަގަކުރައްވާފައި ވެެއެވެ.
ފަހުމީ ވިދާޅުވީ ތަރައްޤީގެ އެންމެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ޚިދުމަތެއް ދެމުން ގެންދިއުމަކީ ސްޓެލްކޯގެ އެންމެ މުހިންމު އަމާޒު ކަމަށެވެ.
ފަހުމީ މިފަދައިން ވިދާޅުވެފައިވާއިރު ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ 2 އަހަރު ތެރޭގައި ރާއްޖޭގެ ގެތަކާއި ވިޔަފާރި ކުރާ ތަންތަނުގައި ސްމާޓް މީޓަރ ހަރުކުރަން ސަރުކާރުން އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ. ވަޒީރު މިގޮތަށް ވިދާޅުވީ ނިމިދިޔަ އޮގަސްޓަ މަހު، ދ. ކުޑަހުވަދޫގައި ފެނަކަ ކޯޕަރޭޝަނުން ހިންގި ސްމާޓް މީޓަރ ހަރުކުރުމުގެ ޕްރޮޖެކްޓް ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.