ޚަބަރު
އެސްއޯއީތަކުގެ ޗެއާޕާސަންގެ މަޤާމަށް މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތައް ޢައްޔަންކުރާގޮތަށް އުސޫލަށް އިސްލާޙު ގެނެސްފި

ޕީސީބީ

ފަރުދުން
10 ޖުލައި 2025، 05:07
10 ޖުލައި 2025، 05:07
ދައުލަތުގެ ކުންފުނިތަކުގެ ޗެއާޕާސަން ޢައްޔަން ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިސްލާޙު ގެނެސްފިއެވެ.
ޕީސީބީގެ ހުރިހާ ބޯޑް މެންބަރުންގެ އިއްތިފާޤުން އެ އިސްލާޙުތައް ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެ ބަދަލުތަކާ ގުޅޭ ސާކިއުލާއެއް ބޯޑުން ހިއްސާކުރީ މިއަދު އެވެ.
ޕީސީބީން ބުނި ގޮތުގައި މި ބަދަލުތައް ގެނައީ އެސްއޯއީތަކުގެ ބޯޑުތަކަށް އެންމެ ޤާބިލް ކެންޑިޑޭޓުން އައްޔަން ކުރުމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ފަރާތްތައް ޢައްޔަންކުރުމުގައި މި އައު އިސްލާޙަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް ޕީސީބީ އިން ބުނެފައި ވެެއެވެ.
އެސްއޯއީތަކަށް ޗެއާޕާސަން އައްޔަން ކުރުމަށް ކުރިން ކަނޑައެޅި މިންގަނޑަކީ އިންޓަވިއުއިން މަދުވެގެން 60 އިންސައްތަ ފާސްވުމެވެ.
އެސްއޯއީތަކަށް ޗެއާޕާސަން އައްޔަންކުރުމުގައި ބޯޑުން ކަނޑައެޅި އައު މިންގަނޑުތައް
- ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް ލެވެލް 7 (މާސްޓަރސް ޑިގްރީ ނުވަތަ ޕޯސްޓްގްރެޖުއޭޓް ޑިގްރީ) ގެ ސެޓްފިކެޓެއް ލިބިފައިވުން
- ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މި އިސްލާހު ގެނެސްފައި ވަނީ ތައުލީމީ، ޤާބިލް އަދި ތަޖުރިބާކާރު މީހުންގެ ބަދަލުގައި އެސްއޯއީތަކުގައި އިސް މަޤާމުތަކަށް ސިޔާސީ އެކްޓިވިސްޓުން އައްޔަން ކުރުމާ މެދު އާންމުން ކަންބޮޑުވާ ދަނޑިވަޅެއްގަ އެވެ.