ދުނިޔެ
އަރމީނިއާ އަދި އަޒަރބައިޖާންގެ ލީޑަރުން ޔޫއޭއީގައި މަޝްވަރާކުރަނީ

އަރމޭނިއާ އާއި އަޒަރްްބައިޖާނުގެ ސުލްޙައިގެ ވާހަކަތައް ޔޫއޭއީގައި
40 އަހަރާ ގާތްކުރާ ހަނގުރާމައިގެ ނިމުމަކަށް ގެނައުމަށްޓަކައި އަރމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔާން އަދި އަޒަރބައިޖާންގެ ރައީސް އިލްހާމް އަލިޔެވް މިއަދު އަބޫދާބީގައި ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
މި ބައްދަލުވުމަކީ މި އަހަރުގެ މާރިޗު މަހު ދެ ގައުމުގެ މެދުގައި ސުލްހަ އެއްބަސްވުމެއްގެ ޑްރާފްޓެއް އެކުލަވާލުމަށްފަހު ބޭއްވޭ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުން ބޭއްވެނީ ނަގޯރްނޯ-ކަރަބާކް ސަރަހައްދުގައި ހިނގި ހަނގުރާމައިގެ ސަބަބުން ދިގު މުއްދަތަކަށް ދެމިގެން ދިޔަ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށެވެ.
2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އަޒަރބައިޖާނުން ކަރަބާކް އަނބުރާ ހޯދުމާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅެމުން ދިޔަ 100،000 އަށްވުރެ ގިނަ އާރމީނިއަނުން އެ ސަރަހައްދު ދޫކޮށް އަރމީނިއާއަށް ފިލާފައިވެއެވެ. އެހެންނަމަވެސް، ސުލްހަ އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ވަކި ތާރީހެއް އަދި ކަނޑައެޅިފައެއް ނުވެއެވެ.
އަޒަރބައިޖާނުން ބުނާ ގޮތުގައި އަރމީނިއާގެ ޤާނޫނު އަސާސީގައި އަޒަރބައިޖާންގެ ސަރަހައްދުތަކަށް ދަޢުވާކުރާކަމަށް ދޭހަވާ މާއްދާތައް ހުރިކަމަށް ބުނެ، އެ މާއްދާތައް ބަދަލުކުރުމަށް އެދިފައިވެއެވެ. އަދި އަޒަރބައިޖާންގެ މައި ސަރަހައްދާއި ނަހްޗިވާން އެންކްލޭވް ގުޅުވައިދޭ ދަތުރުފަތުރުގެ ކޮރިޑޯއެއް އަރމީނިއާ މެދުވެރިކޮށް ގާއިމުކުރުމަށްވެސް އެދިފައިވެއެވެ.
މި ހަފްތާގައި އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ ދެ ގައުމުގެ މެދުގައި އަވަސް މުއްދަތެއްގެ ތެރޭގައި ސުލްހަ އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމުގެ އުންމީދު ފާޅުކުރައްވާފައެވެ. މި ބައްދަލުވުމަކީ މޭ މަހު އަލްބޭނިއާގެ ޓިރާނާގައި ބޭއްވުނު ޔޫރަޕިއަން ޕޮލިޓިކަލް ކޮމިއުނިޓީ ސަމިޓްގައި ދެ ލީޑަރުން ބައްދަލުކުރި ފަހުން ބޭއްވޭ ފުރަތަމަ ބައްދަލުވުމެވެ.