ޚަބަރު
ތިނަދޫ ސިޓީ ކައުންސިލަށް ލިބެންޖެހޭ 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިނުވޭ: ކޮމްޕްލަޔަންސް ރިޕޯޓް

ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

ފަރުދުން
12 ޖުލައި 2025، 12:48
12 ޖުލައި 2025، 12:48
ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށް ލިބެންޖެހޭ 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިވާ ކަމަށް ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮންޕްލަޔަންސް އޮޑިޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުއްޔާއި ގާޑިޔާތަކުން ލިބެންޖެހޭ ފައިސާއާއ އަދި ކުނި ފީގެ ގޮތުގައި ކައުންސިލުގެ އިދާރާއިން ނުލިބިހުރި ފައިސާގެ ރިޕޯޓެއް ކައުންސިލުން ތައްޔާރުކޮށްފައި ވެއެެވެ. އެ ރިޕޯޓްގައި ހިމެނޭ 7،077،681 ރުފިޔާއާއި އެ ރިޕޯޓްގައި ހިމަނާފައިނުވާ 459،991 ރުފިޔާއާއިއެކު ޖުމްލަ 7،537،672 ރުފިޔާ، ކައުންސިލަށް ލިބިފައިނުވާކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. މި ފައިސާ 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ކައުންސިލަށް ލިބިފައި ނުވެއެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މިފައިސާގެ ތެރޭގައި ނުލިބި ގިނަދުވަސްވެފައިވާ ފައިސާހުރިއިރު މި ފައިސާތައް ހޯދުމަށް ބައެއް ފަރާތްތަކަށް ކައުންސިލުން ވަނީ ސިޓީ ފޮނުވާފައި ވެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ފަރާތްތަކާމެދު ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް، އެ ފިޔަވަޅުތައް އަޅަންޖެހޭ މަރުހަލާގައި އަޅާފައިނުވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުންވެސް ރިޕޯޓްގައި ވަނީ ކައުންސިލުގެ އިދާރާއިން ކޮށްފައިވާ ދަތުރުތަކުގައި ހުރުމުގެ ޚަރަދުގެ ގޮތުގައި ދޭންޖެހޭ ވަރަށްވުރެ އިތުރަށް 49،800 ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކޮށްފައެވެ. މި ދަތުރުތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ޚަރަދުތަކަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން 59،300 ރުފިޔާގެ ބިލުތައް ކައުންސިލުގެ އިދާރާއަށް ހުށަހަޅާފައިނުވާ ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.
ކައުންސިލްގެ އިދާރާއަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ލިބިފައިވާ 175،859 ރުފިޔާ އޮޑިޓް ކުރި ތާރީޚު (27 ފެބްރުވަރީ 2024) ގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވާކަމަށް މި އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައި ވެއެވެ. ރިޕޯޓްގައި ވަނީ މިނޫންވެސް އެހެނިހެން ކަންކަން ހިމަނާފައެވެ. އެގޮތުން، ސިވިލް ސާވިސް ކޮމިޝަނުގެ ހުއްދަ ނުހޯދަައި ބިޑް އިވެލުއޭޝަން ކޮމިޓީއާއި ބިޑް ކޮމިޓީގެ މެންބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި 4 އޭޕްރީލް 2022 އިން 31 ޑިސެންބަރު 2023 ގެ ނިޔަލަށް 148،750 ރުފިޔާ ކައުންސިލުން ދީފައިވާކަން މި ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އިތުރު ކަމެއްގެ ގޮތުގައި މި ރިޕޯޓްގައި ވަނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ ސިޓީ ކައުންސިލްގެ އިދާރާއަކަށް ބަދަލުވުމުގެ ކުރިން އޮކްޓޫބަރ 2023 ގައި ތިނަދޫ ކައުންސިލްގެ 7 މެންބަރުންނަށް ސިޓީ ކަައުންސިލް މެންބަރުންނަށް ކަނޑައަޅާފައިވާ ރޭޓްގައި އެމަހުގައި މުސާރަ ދީފައިވާކަން ފާހަގަކޮށްފައެވެ. އޮޑިޓް އޮފީހުން ބުނީ އެގޮތަށް މުސާރަދިނުމުގެ ސަބަބުން 118،210 ރުފިޔާ، ސިޓީ ކައުންސިލުން ޚަރަދުކޮށްފައި ވެއެވެ. އަދި 7 ޖުލައި 2025 ގެ ނިޔަލަށް 7 މެންބަރުންގެ ތެރެއިން 4 މެންބަރުންނަށް ދީފައިވާ 70،024 ރުފިޔާ އަނބުރާ ކައުންސިލްގެ އިދާރާއަށް ދައްކާފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.