Ads by Stelco

ޚަބަރު

މިއަހަރު ނިމުމުގެ ކުރިން އަތޮޅުތެރޭގައި އިސްލާމީ ލައިބްރަރީ ޤާއިމްކުރަނީ

މިއަހަރު ނިމުމުގެ ކުރިން އަތޮޅުތެރޭގައި އިސްލާމީ ލައިބްރަރީ ޤާއިމްކުރަނީ

އަތޮޅުތެރޭގައި އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

ރާޔާ ރިޟާ

ރާޔާ ރިޟާ

13 ޖުލައި 2025، 11:28

13 ޖުލައި 2025، 11:28

މިއަހަރު ނިމުމުގެ ކުރިން އަތޮޅުތެރޭގެ ބައެއް އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީ ޤާއިމްކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިގޮތަށް ވިދާޅުވީސަލްމާނު ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިލާގައި ތަރައްޤީކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވަން ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި މަޢުލޫމާތުދެއްވަވަމުން މިނިސްޓަރ ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ރ. އުނގޫރާފު، ހއ. ދިއްދޫ، ގދ. ތިނަދޫގެ އިސްލާމިކް ސެންޓަރުތަކުގައި އިސްލާމީ ލައިބްރަރީ ޤާއިމު ކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުންވެސް، ރޭ ހުޅުވި އިސްލާމިކް ލައިބްރަރީގައި ކިޑްސް ކޯނަރއަކާއި އިސްލާމިކް ބޭންކިންގއާއި އިސްލާމިކް ފައިނޭންސްއަށް ޚާއްޞަ ކޯނަރެއް ޤާއިމު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަސްމީ ގަޑިތަކުގެ އިތުރުން ހަވީރާއި ދެނަމާދު ދޭތެރެއާއެކު ރޭގަނޑު 9.30 ވަންދެން މި އިސްލާމިކް ލައިބްރަރީ  ހުޅުވިފައި ހުންނާނެކަމަށް މިނިސްޓަރ މަޢުލޫމާތުދެއްވިއެވެ.  މި ކުތުބުޚާނާތަކަށް މިހާރުވެސް އެކުވެރި ޤައުމަކުން 60 ހާސް ފޮތް ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މިސްކިތްތަކުގައި ލައިބްރަރީތައް ޤާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދަވާ ކަމެއް ކަމަށެވެ. އެއާއެކު، ވަޒީރު ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދަޢުވަތު ދެއްވަވާފައެވެ. އަދި ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަޒީރުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، އިސްލާމީ ކުތުބުޚާނާ ހަޤީޤަތަކަށްވެ  ހުޅުވިގެން ދިޔައީ ގިނަ ބައެއްގެ ބުރަ މަސައްކަތާއެކު ކަމަށާއި މިިކަމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގައެވެ. މީގެ އިތުރުން މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް ބެހެއްޓިފައިވާކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރިއެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް އުފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS