Ads by Stelco

ޚަބަރު

އައްޑޫގެ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުން ވެމްކޯއާއި ހަވާލުކޮށްފި

އައްޑޫގެ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުން ވެމްކޯއާއި ހަވާލުކޮށްފި

އައްޑޫގެ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުން ވެމްކޯއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ވެމްކޯ

farudhun logo

ފަރުދުން

13 ޖުލައި 2025، 01:43

13 ޖުލައި 2025، 01:43

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އައްޑޫ ސިޓީގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ.

 މި ފެސިލިޓީގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ޒޯނުގައި ހިމެނޭ ރަށްރަށުން އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާކުރުމަށްޓަކައި، ކުނިމެނޭޖުކުރުމާއި ގުޅޭ ޤަވާޢިދުތަކާ އެއްގޮތް، އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ޙައްލު ފޯރުކޮށްދިނުން ކަަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. 

 ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވުޒާރާއިން ބުނީ މި ފެސިލިޓީގެ ސަބަބުން ނުރައްކާތެރި ކުނިން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރެވޭނެ ކަމަށެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ބޭސަލް އަދި ސްޓޮކްހޯމް މުޢާހަދާތަކުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރެވުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ނުރައްކާތެރި ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ޤާއިމުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. 

މި އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޖުތަބާ ޖަލީލެވެ.
މި މަރުކަޒަކީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ މިނިސްޓްރީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން، ޖެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫޢުގެ ދަށުން ޤާއިމުކުރެވިފައިވާ ވަސީލަތެއް ކަމަށް މިނިސްޓްރީން މަޢުލޫމާތުދީފައި ވެއެވެ. 


މި މަރުކަޒު ޤާއިމުކުރެވިފައިވަނީ އައްޑޫ ސިޓީ ހިމެނޭ ދެކުނު ޒޯނުގެ ރަށްރަށުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާތެރިކަމާއެކު ގުދަންކުރުމަށް ޚާއްޞަކޮށެވެ. މީގެ ތެރޭގައި ޞިނާޢީ ހަރަކާތްތަކުން އުފެދޭ ކުނި، ސްކޫލްތަކުގެ ލެބޯރެޓަރީތަކުން އުކާލެވޭ ކެމިކަލްތައް، އިންޖީނުތަކުން އުފެދޭ ތެޔޮ އަދި އުކާލާ ބެޓެރީތައް ފަދަ ތިމާވެށްޓަށް ގެއްލުންދެނިވި ނުރައްކާތެރި ބާވަތްތަކުގެ ކުނި ހިމެނޭ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ. 


ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވުޒާރާއިން އޮޅުންފިލުވާދިން ގޮތުގައި ރާއްޖޭގައި އުފެދޭ ނުރައްކާތެރި ކުނީގެ މިންވަރު މަދުކަމުން، ރާއްޖޭގައި ނުރައްކާތެރި ކުނި ނައްތާލުމުގެ މަރުކަޒެއް ޤާއިމުކުރުމަކީ ޓެކްނިކަލީ އަދި އިޤްތިޞާދީގޮތުން ވެސް ދެކޮޅުޖެހޭނެ ކަމެއް ނޫނެވެ. އެހެންކަމުން، މި މަރުކަޒު ފަރުމާކުރެވިފައިވަނީ ވަގުތީކޮށް ކުނި ރައްކާކުރާ މަރުކަޒެއްގެ ގޮތުގައެވެ. އެގޮތުން، ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު އެއްކޮށް، ވަކިކޮށް، ވަގުތީގޮތުން އައް ޑޫގައި ޤާއިމުކުރެވުނު މި މަރުކަޒުގައި ރައްކާކުރެވޭނެއެވެ. މިގޮތަށް ރައްކާކުރެވޭ ކުނި ބޭސަލް ކޮންވެންޝަން ފަދަ ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ރިސައިކަލްކުރުމަށް ނުވަތަ ނައްތާލުމަށް ރާއްޖެއިން ބޭރަށް ގެންދެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ. 


ތިމާވެށްޓާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މި މަރުކަޒު ހިންގުމަށާއި މިފަދަ ކުނި ރައްކާތެރިކަމާއެކު ގެންގުޅުމަށްޓަކައި، މަރުކަޒު ހިންގުމުގެ އުޞޫލުތައް ހިމެނޭ ސްޓޭންޑަރޑޑް އޮޕަރޭޝަންސް ޕްރޮސީޖަރ (އެސްއޯޕީ) އެއް ވެސް އެކުލަވާލެވިފައިވެއެވެ. މި އުޞޫލުތަކުގައި އެކި ބާވަތުގެ ކުނި ގެންގުޅުމުގެ ގޮތްތަކާއި، ޕެކޭޖްކުރާނެ ގޮތްތަކާއި، ރައްކާތެރިކަމާއެކު އުފުލުމުގެ މިންގަނޑުތައް ހިމެނޭ ކަމަށެވެ. 

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، އައްޑޫ އިންޓަރިމް ހަޒާޑަސް ވޭސްޓް އެންޑް ކެމިކަލްސް ސްޓޯރޭޖް ފެސިލިޓީ ހިންގުމުގައި ހަރަކާތްތެރިވާނެ ވެމްކޯގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގޭނެއެވެ. މިއީ މި މަރުކަޒު ރައްކާތެރިކަމާއެކު ހިންގުމަށާއި ބެލެހެއްޓުމަށް އެހީތެރިވުމަށްޓަކައެވެ. މީގެ އިތުރުން، ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ވަނީ މި މަރުކަޒު ހިންގުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ފޯރުކޮށްދީފައި ކަަމަށް ތިމާވެށްޓާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މަޢުލޫމާތުދީފައި ވެެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS