ޚަބަރު
އެކްސިޑެންޓްގައި ނިޔާވި ކުއްޖާގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ސައިކަލަކުން މަގު ހުރަސްކުރި މީހެއްގެ ގައިގާ ޖެހި ހިނގި އެކްސިޑެންޓު، ފޮޓޯ: އެމްވީ ކްރައިސިސް

ފަރުދުން
14 ޖުލައި 2025، 10:25
14 ޖުލައި 2025، 10:25
ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވިި ކުއްޖާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
ރައީސް ވަނީ މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އަދި މި އެކްސިޑެންޓުގައި ހާނީއްކަވެ ފަރުވާ ހޯދަމުންދާ ދެ ފަރާތަށްވެސް އަވަސް ޝިފާއަށް އެދި ދުޢާ ކުރައްވާފައި ވެއެވެ.
ރޭ މާފަންނު ބަސް ޓަރމިނަލް ކައިރީގައި ހިނގި މި އެކްސިޑެންޓަކީ، ކަފިހި ހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި އެ މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. އެ މީހާ ގައިގައި ޖެހުމަށްފަހު، ސައިކަލު ވަނީ އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިފައެވެ. މި ހާދިސާ ދިވެހި ފުލުހުންގެ ޙިދުމަތަށް ހުށަހަޅާފައިވަނީ ރޭ 20:17 އެހާކަށްހާއިރު ގައެވެ.
ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ ސައިކަލު ދުއްވަންއިން އުމުރުން 17 އަހަރުގެ ކުއްޖާ ކަމަށެވެ. އަދި އެ ސައިކަލު ފަހަތުގައި އިން އުމުރުން 16 އަހަރުގެ ކުއްޖަކަށާއި ކަފިހި ހުރަސް މަތިން މަގު ހުރަސްކުރި 40 އަހަރުގެ މީހާއަށް އަނިޔާވެ އައިޖީއެމްއެޗް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.