ޚަބަރު
އަންނަ ހަފްތާ ތެރޭގައި ފްލެޓް އެގްރީމެންޓްތަކުގައި ސޮއިކުރަން ފަށާނެ: މުއްޠަލިބު

އިންޑިޔާގެ އެހީގައި ބިނާކުރި 4000 ފްލެޓްތައް

ފަރުދުން
15 ޖުލައި 2025، 10:55
15 ޖުލައި 2025، 10:55
ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާކުރި ފުރަތަމަ 4000 ފްލެޓްތައް ދޫކުރުމަށް ކަނޑައެޅި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ކުރިއަށްގެންދާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިގޮތަށް ވިދާޅުވީ ރޭ ބޭއްވި "އަހާ ފޯރަމް" ގައި މި ފްލެޓްތަކާއި ގުޅޭގޮތުން އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ކުރުމުގެ ގޮތުން މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ޓެންޓް ޖަހައި އިދާރީ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ. ޖުލައި މަސް ތެރޭގައި އެގްެރީމެންޓްގައި ސޮއިކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވީ ނަމަވެސް ލަސްތަކެއް ކުރިމަތިވަނީ އޮފީހުން ޙިދުމަތް ނުދެވޭނެތީ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވަރަށް ގިނަ ޢާންމު ރައްޔިތުންނަށް ދެވޭ ޙިދުމަތެއްގެ ގޮތުގައި ކުރަންޖެހޭ ކަމަކަށްވާތީ މިއީ އޮފީހަކަށް ގެނެސްގެން ސޮއިކުރެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރ އޮޅުންފިލުވާދެއްވި އެވެ. އެހެންވީމަ އެއަށްވާން ޖެހޭ ތައްޔާރީތައް މިވަގުތު ކުރިއަށްދާކަން މިނިސްޓަރ ދެއްވި ޖަވާބުގައި ފާހަގަކުރައްވާފައި ވެއެވެ. އަންނަ ހަފްތާ ތެރޭގައި އެގްރީމެންޓްތަކުގައި ސޮއިކުރުމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
މި ހުރިހާ މަސައްކަތްތަކާއެކު އަންނަ ހަފްތާފައި އެގްރިމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެ. އެކަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެބަ ކުރިއަށްގެންދޭ. ކުރިންވެސް ބުނިގޮތަށް އެގްރިމަންޓްގައި ސޮއިކޮށް، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް މިމަހު ކުރިއަށްދާނެ.
މި ސްކީމަށް ފޯމު ހުށައެޅި މީހުންގެ ތެރެއިން ސަރުކާރުން މިހާރު ރިވިއުކުރަމުންދަނީ، ސްކީމަށް ހޮވިފައިވާކަމަށް 2023ގެ ނޮވެމްބަރުގައި އޭރުގެ ސަރުކާރުން ހާމަކުރި 4000 މީހުންގެ ލިސްޓެވެ. މި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން، ޝަރުތު ހަމަނުވެގެން ފްލެޓް ނުލިބޭ މީހުންނަށް، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފްލެޓް ނުލިބޭ ސަބަބާއެކު އެކަން އަންގަން ފަށާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ޝަރުތު ހަމަނުވާކަމަށް ކަނޑައެޅިފައިވާ މީހުންގެ ތެރޭގައި ސަރުކާރުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި، ސަރުކާރު ކުންފުނިތަކުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތައް، އަދި 600 އަކަފޫޓަށްވުރެ ބޮޑު އަމިއްލަ ބޯހިޔާވަހިކަމެއް މިހާރުވެސް ލިބިފައިވާ ފަރާތްތައް ހިމެނޭ ކަމަށް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.