ޚަބަރު
'އިންޓަލެކްޗުއަލް ޕްރޮޕަޓީ' ނަމުގައި އޮފީހެއް ހަދަން ހުށަހަޅައިފި

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު

ފަރުދުން
15 ޖުލައި 2025، 12:18
15 ޖުލައި 2025، 12:18
ހުލާސާ
'އިންޓަލެކްޗުއަލް ޕްރޮޕަޓީ' ނަމުގައި އޮފީހެއް ހަދަން ސަރުކާރުން މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން ހަމީދު ހުށަހެޅުއްވި އެ ބިލުގެ ބޭނުމަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމަށް ހިތްވަރުދީ އެ ދާއިރާ ކުރިއެރުވުމެވެ. އަދި ގައުމުގެ އިގްތިޞާދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުގެ އައު އިދާރާއެއް ގާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އެނޫންވެސް ކަމާއި ގުޅުންހުރި ކަންތައްތައް ބަޔާންކުރުމެވެ.
މި ބިލުގައިވާ ގޮތުން ޤާނޫނު ހަދާ މަޖިލީހުގެ ދަށުން އުފައްދާ އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ އިސްވެރިއަކަށް ހުންނާނީ އިކޮނޮމިކް މިނިސްޓަރު ޢައްޔަންކުރައްވާ ބޭފުޅެކެވެ. އަދި މަޤާމުން ވަކިކުރުމުގެ ބާރުވެސް މިނިސްޓަރަށް ލިބިވަޑައިގަންނަވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އެ އޮފީހުގެ ވެރިޔެއްގެ މަޤާމަކީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ. އެ ބޭފުޅެއްގެ މުސާރައާ މެދު ގޮތެއް ނިންމާނީ އިކޮނޮމިކް މިނިސްޓަރުގެ ލަފާގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.
އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް:
- ފިކުރީ މުދާ ރަޖިސްޓްރީކުރުން.
ރަޖިސްޓްރީކުރެވޭ ފިކުރީ މުދަލާ ބެހޭ ދަފްތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން.
ބައިނަލްއަގްވާމީ އިންޓަލެކްޗުއަލް ޕްރޮޕަޓީ ޖަމިއްޔާތަކާ ގުޅުން ގާއިމުކޮށް، ފަންނީ އެހީއާއި ލަފާ ހޯދުން.
ފިކުރީ މުދަލާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބައިވެރިވުން.
ފިކުރީ މުދަލުގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުން.
ފިކުރީ މުދަލާ ގުޅޭގޮތުން ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކުގެ ދަށުން ލިބިދޭ ހައްގުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެ ގާނޫނުތަކުގެ ދަށުން އެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުން.
ފިކުރީ މުދަލާގުޅޭ ކަމާބެހޭ ޤާނޫނުތަކުގެ ދަށުން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕާޓީ އޮފީހުގެ މަސްއޫލިއްޔަތުތައް ކަމުގައި ކަނޑައަޅާ އެނޫންވެސް މަސްއޫލިއްޔަތުތައް އަދާކުރުން.
މި ބިލުގައި ފިކުރީ މުދަލުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ރާއްޖޭގައި އަމަލުކުރެވޭ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެންމެހައި ބާވަތްތަކުގެ ފިކުރީ މުދަލަށެވެ. އޭގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނޭކަން ބިލުގައި ފާހަގަކޮށްފައި ވެއެވެ.
މި ބިލަށް ބަހުސްކުރައްވަމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މިފަދަ އޮފީހެއް ޤާއިމުކުރުން މުހިންމުކަން ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް، އެންމެ ފުރަތަމަ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ފުރަތަމަ އިސްކަމެއް ދިނުން މާ ރަނގަޅު ކަމަށް އެމްޑީޕީ މެންބަރުން ފާހަގަކުރައްވާފައި ވެއެވެ. އަދި ސަރުކާރުގެ އިދާރާއެއް އުފައްދުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އެފަދަ އިދާރާއަކީ މިނިވަން މުއައްސަސާއަކަށް ވާންޖެހޭނެ ކަމަށް އެމްޑީޕީ މެންބަރުން ބަހުސްކުރައްވާފައި ވެއެވެ. އެއާއެކު، އެމްޑީޕީ މެންބަރުން ވަނީ މި ބިލުގައި އޮފީހަށް އާމްދަނީ ވަންނާނެ ގޮތެއް ނުހިމަނާ، ތަނުގެ ހިންގުން ސަރުކާރަށް މުޅިން ބަރޯސާވުމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ. ޖުމްލަގޮތެއްގައި އެމްޑީޕީ މެންބަރުން ވަނީ މިވަގުތުކޮޅުގައި ސަރުކާރުން މާލީ ޙަރަދުތައް އިތުރަށް ބުރަކުރުން ރަނގަޅު ނޫންކަން ފާހަގަކުރައްވާފައެވެ.