ޚަބަރު
4 އައިސްޕްލާންޓެއް މިއަހަރު ތެރޭ ބޭނުންކުރަން ފަށަނީ

ރާއްޖޭގެ 4 ސަރަހައްދެއްގައި އައިސް ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.

ފަރުދުން
15 ޖުލައި 2025، 02:41
15 ޖުލައި 2025، 02:41
ސަރުކާރުން ތަރައްޤީކުރި 4 އައިސްޕްލާންެޓް މިއަހަރު ތެރޭ ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
މިތަންތަން އިމާރާތްކުރުމުގެ މަސައްކަތް ބެލުމާއި ހަވާލުވެގެންހުރި މިފްކޯ އިން ބުނީ މި ތަންތަން މިއަހަރުގެ ފަހުކޮޅު އޮޕަރޭޝަނަށް ގެންނާނެ ކަމަށެވެ.
ކަނޑައެޅޭ ބައެއް ސަރަހައްދުތަކުގައި އައިސް ޕްލާންޓްތައް ޤާއިމްކޮށްގެން، ސަރުކާރުގެ އަމާޒަކީ، މަސްވެރިންނަށް އައިސް މެދުކެނޑުމެއްނެތި ލިބޭނެ ގޮތް ހަމަޖެއްސުމެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ބަޖެޓުގެ ދަށުންނެވެ.
މިފްކޯ އިން ބުނީ ދ. މީދޫގެ އައިސް ޕްލާންޓް އަންނަ މަހުގައި ބޭނުންކުރެވޭނެ ކަމަށެވެ. ށ. ފުނަދޫގެ އައިސް ޕްލާންޓަށް ބަލާއިރު މެޝިނަރީ އިންސްޓޯލް ކުރުމުގެ ތައްޔާރީތައް ކުރިއަށްދާއިރު، ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ފެސިލިޓީގެ މަސައްކަތް ފެށޭނެ ކަމަށް ބެލެވޭ ކަމުގައި ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
ދ. ބަނޑިދޫގައި އައިސްޕްލާންޓް އިމާރާތް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދެއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މި އައިސް ޕްލާންޓްގެ މަސައްކަތް އަންނަ އޮކްޓޫބަރ މަހުގައި ފަށާނެ ކަމަށެވެ.
މ. ވޭވަށުގައި ވެސް އައިސް ޕްލާންޓެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމާފައިވެ އެވެ. މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި ފެސިލިޓީގެ އެއްބަސްވުމުގައި މި މަހުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް ބެލެވޭއިރު، ޑިސެމްބަރު މަހުގެ ނިޔަލަށް ޕްލާންޓްގެ މަސައްކަތް ނިމޭނެއެވެ.
ކޮންމެ އައިސް ޕްލާންޓެއްގައި ވެސް 30 ނުވަތަ 50 ޓަނުގެ މަސް ރައްކާ ކުރެވޭނެ ޖާގަ ހުންނާނެ އެވެ. މިހާރު ތަރައްޤީ ކުރަމުންދާ ހަތަރު އައިސް ޕްލާންޓްގެ އިތުރުން މިއަހަރު އިތުރު ދެ އައިސް ޕްލާންޓް ޤާއިމް ކުރުމުގެ ޕްލޭންތައް ވެސް މިނިސްޓްރީން އިޢުލާންކޮށްފައިވެ އެވެ.