ޚަބަރު
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގައި ދަރިން ނެތް މީހުންނަށް ޕޮއިންޓް ލިބޭނެ: ވަޒީރު މުއްޠަލިބު

ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު

ފަރުދުން
15 ޖުލައި 2025، 04:16
15 ޖުލައި 2025، 04:16
ދަރިން ނެތް މީހުންނަށް ޕޮއިންޓް ލިބޭނެ ގޮތެއް މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގައި ހިމެނޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިގޮތަށް ވިދާޅުވީ ރޭ ބޭއްވި "އަހާ" ފޯރަމްގައެވެ.
ރާއްޖޭގައި މިހާތަނަށް ރޭވި އެއްވެސް ސްކީމެއްގައި ދަރިން ނެތް މީހުންނަށް ޕޮއިންޓް ނުލިބޭކަން ފާހަގަކޮށް އެމީހުންގެ ބޯހިޔާވަހިކަމާއި ދޭތެރޭ ވިސްނާފައި ނެތްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ދަރިން ތިބޭ ފަރާތްތަކަށް އިސްކަން ލިބޭގޮތަށް ޕޮއިންޓް ލިބޭކަން ވެސް ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއިއެކު އައު ސްކީމެއް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ޑޮކްޓަރުގެ ލިޔުމެއް އޮތް ކަމަށްވެއްޖެއްޔާމު ކައިވެނީގެ ވަކި މުއްދަތެއް ތެރޭގައި ދަރިން ނެތް މީހުންނަށް ޕޮއިންޓް ލިބޭނެ ގޮތް ހަދަން މި ސަރުކާރުން ވިިސްނާފައިވާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.
މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން އަޅަމުންގެންދާ އަދި ނިމިފައި ހުރި ތަންތަނާއި އަލަށް އަޅަމުންދާ އަދި ނިމެންކައިރިވެފައިވާ ތަންތަނަށް އިޢުލާންކުރާއިރު އަޅުގަނޑުމެން އެބަ ކަނޑައަޅަން ހަޤީޤަތުގައި ކައިވެނިކޮށްގެން ވަކި މުއްދަތެއްގެ ތެރޭގައި ދަރިޔަކު ނުލިބޭ ކަމަށްވަންޏާމު އަދި އެކަމުގައި ޑޮކްޓަރުގެ ލިޔުމެއް އޮތް ކަމަށްވެއްޖެއްޔާމު އެފަރާތަށް ޕޮއިންޓް ލިބޭނެ ކަހަލަ މެކޭނިޒަމެއް ހެދުން.
މިކަމާއި ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެފަރާތްތައްވެސް މުސްކުޅިވެގެންދާއިރު ދައުލަތުން އެހެންމީހުންނަށް ފޯރުކޮށްދޭ ކަށަވަރުކަން ލިބެންޖެހޭކަން ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ. މިވާހަކައިގެ ތެރެއިން މިނިސްޓަރ ވިދާޅުވީ ފޯމްތަކަށް ޕޮއިންޓް ދިނުމުގައި އެހާ ހަރުދަނާ އުސޫލެއް ބޭނުންކޮށްފައިނުވާ ކަމަށެވެ. ދިރިއުޅޭ ތަން ބެލުމުގައި ފާރުގައި ކޮލިޓީކޮށް ކުލަލާފައި ހުރި ތަނަކަށް ޕޮއިންޓް ނުލިބި، ރެނދެއް އެކަނި ލާފައިހުރި ތަންތަނަށް ޕޮއިންޓް ދިނުން ފަދަ ކަންކަން ފާހަގަވެފައިވާ ކަމަށެވެ. ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެކުލަވާލި ލިސްޓުގައި ނަހަމަކޮށް ޕޮއިންޓް ދެވޭނެ ޖާގަ ފަހިވެފައިވާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އުޅޭތަނުގެ ޖާގަ ހުރިގޮތުން އެއްވެސް ދަރިޔަކު ނެތް ޒުވާނުންނަށް ވެސް ފްލެޓް ލިބިފައިވާކަން ފާހަގަކުރިއެވެ.
އެހެންކަމުން، މި ސަރުކާރުން މިކަމާއި ގުޅުންހުރި ޤާނޫނެއް އެކުލަވާލުމުގައި ވަކި ކްރައިޓީރިއާއެއް ހަދާނެ ކަމަށް މިނިސްޓަރ މަޢުލޫމާތުދެއްވިއެވެ. އޭރުން އެއްވެސް ސަރުކާރެއްގައި ޞައްޙަ މަޢުލޫމާތު ނޫން އެއްޗެއް ނުފުރޭނެ ވަރުވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ޒަރީޔާއިން އެންމެ ގިނައިން ޕޮއިންޓް ބޭނުންވާ ފަރާތްތަކަށް ޕޮއިންޓް ލިބޭނެގޮތް ކަށަވަރުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. ދިރިއުޅުމުގެ މާލީ ޙާލަތު ވެރިފައިކޮށްފައި ޕޮއިންޓް ދެވޭނެ ނިޒާމެއް މި ސަރުކާރުން ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ޤާނޫނުން ފަހިވާނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވާފައި ވެއެވެ.