Ads by Stelco

ޚަބަރު

އާ ގިމަތަ އާއެކު ފަސިންޖަރުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ރާއްޖެއިން ލިބޭނެ: އެއާލައިންސް

އާ ގިމަތަ އާއެކު ފަސިންޖަރުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ރާއްޖެއިން ލިބޭނެ: އެއާލައިންސް

ފޮޓޯ: އެމްއޭސީއެލް

farudhun logo

ފަރުދުން

15 ޖުލައި 2025، 04:52

15 ޖުލައި 2025، 04:52

ރާއްޖެ އަންނަ ފަސިންޖަރުންނަށް ރާއްޖޭގެ އެއާޕޯޓަކުން ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ލިބުމަކީ އެންމެ ދެކެން ބޭނުންވި ދުވަސް ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް އާއެކު އެފަދަ ޚިދުމަތެއް ފަސިންޖަރުންނަށް ލިބޭނެ ކަމަށް އެއާލައިންތަކުން ބުނެފިއެވެ.

ވީއައިއޭގެ އާ ޓާމިނަލް 26 ޖުލައި 2025 ގައި ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އިއްޔެ ކުރިއަށް ގެންދިޔަ ޓްރަޔަލްގައި އެއާލައިންތަކުން ބައިވެރިކޮށް، މުޅި ޕްރޮސެސް ކުރިއަށްދާ ގޮތް ވަނީ ދައްކާލައިފައެވެ.

މި ޓްރަޔަލްގައި ފަސިންޖަރުގެ ޗެކިން މަރުހަލާއާއި، ފަސިންޖަރުން ދަތުރުކުރާ މަގުތަކާއި، ބެގޭޖް ހޭންޑްލިން ސިސްޓަމާއި، ފަސިންޖަރުންގެ ބޯޑިން ޕްރޮސެސް ކުރިއަށްދާ ގޮތުގެ ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން އެރައިވަލް ފަސިންޖަރުން ޓާމިނަލަށް ވަދެގެން ދާގީނާ ނެގުމާއި ހަމައަށްދާނެ މަގުތަކުގެ ޓްރަޔަލްއެއްވެސް ކުރިއަށް ގެންދިޔައެވެ. މި ޓްރަޔަލް ވިލަރެސްކުރުމަށްޓަކައި ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކުންނާއި ޓްރެވެލް އޭޖެންޓުން ވަނީ ބައިވެރިވެފައެވެ. 

ޓްރަޔަލްއަށްފަހު ވާހަކަ ދައްކަވަމުން އެއާލައިން އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން އަދި އިއްތިހާދު އެއާލައިންގެ އެއާޕޯޓް މެނޭޖަރު މުނާޒު ޢަލީ ވިދާޅުވީ އެއާލައިންތަކުން އެންމެ ބޭނުންވާ ކަމަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ރާއްޖޭގައި ލިބުން ކަމަށެވެ. އާ ޓާމިނަލް އާއެކު ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ރާއްޖޭގައި ލިބިގެންދާނެ ކަމަށާއި އެކަމަށްޓަކައި އެއާލައިންތަކުން ތިބީ ވަރަށް އުފަލުން ކަމަށްވެސް މުނާޒު ވިދާޅުވިއެވެ.

އެއާލައިން އޮޕަރޭޓާސް ކޮމިޓީގެ ވައިސް ޗެއާމަން އަދި ޤަތަރު އެއާވޭސްގެ އެއާޕޯޓް ސާވިސް މެނޭޖަރު އަޙުމަދު ނަހުޝަން ނިޒާރު ވިދާޅުވީ، އާ ޓާމިނަލް އާއެކު ދިވެހިރާއްޖެ، ރާއްޖޭގެ ގޮތުގައި ރާއްޖެ އަންނަ ފަސިންޖަރުންނަށް ފެނިގެންދާނެ ކަމަށެވެ. އަދި މިއީ ވަރަށް ތަފާތު ތަޖުރިބާއަކަށްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މެލޭޝިއަން އެއާލައިން، ސްޓޭޝަން މެނޭޖަރު އަޙުމަދު ހަނަމް ފާއިޒު ވިދާޅުވީ އާ ޓާމިނަލްގެ ފުރިހަމަ ބޭނުން ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް އެމްއޭސީއެލް އިން މަގުފަހިކޮށްދީފައިވާ ކަމަށެވެ. އަދި އާ ޓާމިނަލްއަކީ ފުރިހަމަ، ރީތި އަދި ފަސިންޖަރުންނާ ރަހުމަތްތެރި، ޒަމާނީ ޓާމިނަލް އަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އާ ޕަސިންޖަރ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމް.އޭ.ސީ.އެލްއިން އަންނަނީ ވަމުންނެވެ. އާ ޓާމިނަލާއެކު ޕަސިންޖަރުންނަށް ޒަމާނީ ގިނަ ޙިދުމަތްތަކެއް ލިބިގެންދާނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS