Ads by Stelco

ޚަބަރު

މަސައްކަތްކުރަނީ އަންނަ އަހަރުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމަށް: ދަނޑުވެރިކަމާ ބެހޭ ވުޒާރާ

މަސައްކަތްކުރަނީ އަންނަ އަހަރުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމަށް: ދަނޑުވެރިކަމާ ބެހޭ ވުޒާރާ

ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީއެއް އުފެއްދުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.

farudhun logo

ފަރުދުން

16 ޖުލައި 2025، 12:31

16 ޖުލައި 2025، 12:31

ހުލާސާ


އަންނަ އަހަރު ތެރޭގައި ޤައުމީ ލެބޯޓްރީ ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މަޢުލޫމާތުދީފިއެވެ. 

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މި މަޢުލޫމާތު ހިއްސާކޮށްފައިިވަނީ ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިސްމާޢީލް ރީޝަލް ވިދާޅުވި ގޮތުގައި މިހާރުވެސް ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވުޒާރާއިން އެ މިނިސްޓްރީގެ މަސައްކަތުގައި ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުންދެއެވެ. އޭގެ އިތުރުންވެސް، ދަނޑުވެރިކަމާއި ބެހޭ ލެބޯޓްރީއިން ބޭރުގެ ތަޖުރިބާކާރުންގެ އަލީގައި ދަނޑުވެރިކަމަށް ބޭނުންތެރި މުހިންމު ދިރާސާތަކެއް ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. 

ޤައުމީ ލެބޯޓަރީގެ ޢަމަލީ މަސައްކަތް އަންނަ އަހަރުތެރޭ ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. 

ލެބޯޓަރީގަ މިހާރު އިމާރާތުގެ މަސައްކަތް ވަނީ ޙަވާލުކުރެވި ވަނީ މަސައްކަތް ފެށިފައި. ދެން އަޅުގަނޑުމެން ބޭނުންވާ ބައެއް އިކުއިޕްމަންޓްސް ވެސް ހޯދާފަ މިހާރު ފުވައްމުލަކަށް ފޮނުވާފައި އޮންނާނީ. މިހާރު އޮތީ މަސައްކަތް ފެށިފައި. އަޅުގަނޑުމެން މަސައްކަތް ކުރަނީ މިއަންނަ އަހަރުގެ ކޮންމެވެސް ދުވަހެއްގަ ތެރޭގަ ލެބޯޓަރީގެ މަސައްކަތް އެއްކޮށް ނިންމާ، ޚިދުމަތް ފެށުމަށް

މި ޕްރޮގްރާމްގައި ވާހަކަދެއްކެވި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ނައިބު އިސްމާޢީލް މުޙައްމަދު ވަނީ ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

 އެހެންވީމަ އެކަމާ ގުޅުންހުރި ދާއިރާތަކުން ކޯސްތައް ހުޅުވާލުމާއި، ސްކޯލަރޝިޕްސްތައް ދިނުމާއި، ކުދިން ކިޔަވައިގެން ނޫނިއްޔާ އަދި އިތުރަށް ބޭރުގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން ބޭނުންވަންޔާ އެބޭފުޅުންނަށް އިތުރަށް ކޯޕަރޭޓް ކުރުމާއި، މިކަހަލަ ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވިގެންދޭ މިވަގުތު

ފުވައްމުލަކުގައި ޤާއިމްކުރާ ޤައުމީ ލެބޯޓަރީއަކީ ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށް މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދު ފުއްދުމަށް މުހިންމު ތަނެއްގެ ގޮތުގައި އެގްރިކަލްޗަރ މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ. ފުޑް ސެކިއުރިޓީގެ މަޝްރޫޢުތަކަކީ ރާއްޖެއަށް އިމްޕޯޓްކުރާ ކާނާ މަދުކުރުމަށް މުހިންމު ފިޔަވަޅެކެވެ. ރާއްޖޭގެ އުތުރުގައި ހިންގާ މި މަޝްރޫޢުތަކަށް އިންޑިޔާގެ އެހީ ލިބޭނެ ކަމަށްވެސްް ރީޝަލް ވިދާޅުވެފައި ވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS