ޚަބަރު
ވީޑިއޯއެއް ހަދާލައިގެން 12،000 ރުފިޔާ ލިބޭ މުބާރާތެއް!

މާެލެ ސިޓީ ކައުންސިލުން އިޢުލާންކުރި މުބާރާތުގެ ޕޯސްޓަރ

ފަރުދުން
16 ޖުލައި 2025، 12:39
16 ޖުލައި 2025، 12:39
ވީޑިއޯއެއް ހަދާލައިގެން އެއްވަނަ އަށް އަންނަ ފަރާތަކަށް ބާރަ ހާސް ރުފިޔާ ހުށަހަޅާ މުބާރާތެއް މާލެ ސިޓީ ކައުންސިލުން ޒުވާނުންނަށް އަމާޒުކޮށްގެން ހުޅުވާލައިފިއެވެ.
ދުނިޔޭގެ ޒުވާނުންގެ ހުނަރުވެރި ކަމުގެ ދުވަހާ ގުޅިގެން ހުޅުވާލި މި މުބާރާތަކީ ޒުވާނުންގެ ހުނަރު އިތުރު ކުރުމާއި ޒުވާނުން ބާރުވެރިކުރުމުގެ މަޤްޞަދުގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތަކީ "އެންމެން އެކުގައި ސާފު އަދި ރައްކާތެރި މުޖްތަމަޢެއް ބިނާ ކުރުން" މި ޝިއާރުގެ ދަށުން 1 މިނެޓާއި 2 މިނެޓާއި ދޭތެރޭގެ ވީޑިއޯއެއް ހެދުމަށް ފަހު، އިންސްޓަގްރާމް ނުވަތަ ޓިކްޓޮކްގައި ޕޯސްޓް ކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. އަދި މީގެ ތެރެއިން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވުމަށް ހަމަޖެހިފައިވާ އިރު، ވަނަތައް ހޮވުމުގައި ބަލާނީ އެންމެ ގިނަ ފަރާތްތަކުން އެ ވީޑިއޯއެއް ޝެއަރ ކޮށްފައިވާ ފަރާތަތްތަކަށް ކަމަށް ވެސް މާލެ ސިޓީ ކައުންސިލްގެ ޕޯސްޓްގައި ބުނެފައިވެއެވެ.
ފައިސާގެ އިނާމް ތަކާއި އަދިވެސް އެހެނިހެން އިނާމްތައް ހުށަހެޅިފައިވާ މި މުބާރާތަށް ހުށަހަޅާ ވީޑިއޯތައް، ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މާލެ ސިޓީ ކައުންސިލްގެ އެކި ސޯޝަލް މީޑިއާ މަންސަ ތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ބުނެފައި ވެއެެވެ.
މީގެ އިތުރުން މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ހޭޝްޓެގް ބޭނުން ކޮށްގެން ވީޑިއޯތައް ސޯޝަލް މީޑިއާގައި ޝެއަރ ކުރަން ހަމަޖެހިފައިވާ ކަމަށްވެސް މާލެ ސިޓީ ކައުންސިލްގެ ޕޯސްޓްގައި ހާމަކޮށްފައިވެއެވެ.
18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތަށް ވީޑިއޯ ޕޯސްޓް ކުރުމުގެ އެންމެ ފަހުގެ ތާރިޚާކީ ޖުލައި މަހުގެ 30 ވަނަ ދުވަސް ކަމަށް ކައުންސިލުން ތައްޔާރުކުރި ޕޯސްޓަރގައި ވެއެވެ.