ޚަބަރު
އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު އަދި ޓްރޭޑްމާރކްގެ ބިލަށް ޚިޔާލު ހޯދަނީ

އިޤްތިޞާދީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން---ފޮޓޯ: މަޖިލީސް

ފަރުދުން
16 ޖުލައި 2025، 02:54
16 ޖުލައި 2025، 02:54
އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު އަދި ޓްރޭޑްމާރކްގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދަން އިއްޔެ ހުޅުވާލައިފިއެވެ.
އިއްޔެ މި ދެ ބިލަށް ޚިޔާލު ހޯދަން ހުށަހަޅާފައިވަނީ މަޖިލީހުުގެ އިޤްތިޞާދީ ކޮމިޓީންނެވެ.
މަޖިލީހުން ބުނެފައިވަނީ މި ދެ ބިލަށް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ ޖުލައި 22 ވަނަ ދުވަހުގެ 11:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެއިލް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށެވެ.
ޓްރޭޑްމާރކްގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު އެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް، ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމެވެ. އަދި ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމާކާ ގުޅިގެން އެޓްރޭޑްމާކްގެ ވެރިފަރާތަށް ލިބޭ ޙައްޤުތަކުގެ ދާއިރާ ބަޔާންކުރުމާއި، ޓްރޭޑްމާކްގެ ޙައްޤަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައިވާގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅިދާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ޓްރޭޑްމާކްގެ ޙައްޤަކަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި މައްސަލައެއްގައި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި މައްސަލަ ލަސްވުމުގެ ސަބަބުން ޓްރޭޑްމާކްގެ ވެރިފަރާތަށް އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ޙާލަތެއްގައިވެސް، މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމެއް ނެތި ވަގުތީ އަމުރެއް ކޯޓަށް ނެރެވޭނެއެވެ. ޓްރޭޑްމާކްގެ ޙައްޤަކަށް އަރައިގެންފައިވާކަން ސާބިތުވާނަމަ، އެ ޓްރޭޑްމާކެއްގެ ވެރިފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ކޯޓަށް ކަނޑައެޅިދާނެއެވެ.
މީގެ އިތުރުން މި ބިލުގައި، ރާއްޖޭގައި ކައުންޓަރފީޓްކުރުން ނުވަތަ ޓްރޭޑްމާކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭރުކުރުންވެސް ވަނީ މަނާކޮށްފައެވެ. މިފަދަ އަމަލެއް ކޮށްފި މީހަކަށް 100،000 ރުފިޔާ އާއި 2000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ޤާނޫނު ފާސްވެ ތަސްދީގުކުރާ ތާރީހުން ފެށިގެން 12 މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން ހަމީދެވެ.
މި ބިލުގައިވާ ގޮތުން ޤާނޫނު ހަދާ މަޖިލީހުގެ ދަށުން އުފައްދާ އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ އިސްވެރިއަކަށް ހުންނާނީ އިކޮނޮމިކް މިނިސްޓަރު ޢައްޔަންކުރައްވާ ބޭފުޅެކެވެ. އަދި މަޤާމުން ވަކިކުރުމުގެ ބާރުވެސް މިނިސްޓަރަށް ލިބިވަޑައިގަންނަވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އެ އޮފީހުގެ ވެރިޔެއްގެ މަޤާމަކީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ. އެ ބޭފުޅެއްގެ މުސާރައާ މެދު ގޮތެއް ނިންމާނީ އިކޮނޮމިކް މިނިސްޓަރުގެ ލަފާގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.