ޚަބަރު
އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 20 ބިލިޔަން ރުފިޔާ ލިބިއްޖެ

މީރާ އޮފީސް

ފަރުދުން
16 ޖުލައި 2025، 03:23
16 ޖުލައި 2025، 03:23
ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 20.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ތަފާސް ހިސާބުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ 10 ޖުލައި 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 20.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށެވެ. އެއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރު އަދަދެއް ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ.
ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 15.4 ބިލިއަން ރުފިޔާއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 76.3 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 96.5 އިންސައްތައިން ވަނީ އިތުރުވެފައެވެ. އަދި އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 54.4 އިންސައްތައިން ވަނީ އިތުރުވެފައެވެ. ހަމަ އެހެންމެ، ރީއެކްސްޕޯޓް ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީވެސް ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ ބޮޑުތަނުން އިތުރުވެފައިކަން އެ ވުޒާރާއިން ފާހަގަކުރިއެވެ. އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ މިންވަރު، 17.6 އިންސައްތައިން އިތުރުވެފައިވާކަންވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 53.3 އިންސައްތައިން ވަނީ އިތުރުވެއެވެ. މިނިސްޓްރީން ފާހަގަކުރިގޮތުގައި މީގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.1 އިންސައްތައިން އިތުރުވެ، 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވުމެވެ.
ހަމަ އެއާއެކު، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. މި އިތުރުވުމާއިއެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތައިން އިތުރުވެފައެވެ. އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް މިވަނީ 54.4 އިންސައްތަވަނީ އިތުރުވެ 1.1 ބިލިއަން ރުފިޔާއަށް އަރާފައިކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 50.6 އިންސައްތަ، 10 ޖުލައި 2025 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 38.1 އިންސައްތަ ކަމަށް މިނިސްޓްރީން މަޢޫލޫމާތު ދީފައިވެ އެވެ.