ވިޔަފާރި / ޚަބަރު
އައު ޓާމިނަލްއާއިއެކު ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފަސޭހަތަކެއް

ވީއައިއޭގެ އައު ޓާމިނަލްގެ މަންޒަރެއް

ފަރުދުން
16 ޖުލައި 2025، 04:41
16 ޖުލައި 2025، 04:41
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލްއާއެކު ފަތުރުވެރިންނަށް މަރުހަބާ ކިޔަން މިހާރު ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބައެއް ރިސޯޓްތަކުގެ އިސްވެރިން ވިދާޅުވެއްޖެއެވެ.
ވީއައިއޭގެ އާ ޓާމިނަލް އާއެކު ލިބޭނެ ފަސޭހަތަކާ ގުޅޭ ގޮތުން ވާހަކަދައްކަމުން ލަގްޒަރީ ރިސޯޓް ހިންގާ އެއް ކުންފުނިކަމުގައިވާ ސޮނެވާ އިން ރާއްޖޭގައި ހިންގާ ތިން ރިސޯޓުގެ އެއާޕޯޓް މެނޭޖަރު ޢަލީ ނަސީރު ވިދާޅުވީ ފަތުރުވެރިން ރާއްޖެ އައުމަށްފަހު އެއާޕޯޓުން ނުކުތުމަށް މިހާރު ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށެވެ. އަދި ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ވެސް ވަރަށް ގިނަ ވަގުތު ވަންދެން އެއާޕޯޓް ރެޕްރެޒެންޓޭޓިވުން ތިބެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ އައު ޓާމިނަލް ބޮޑުވުމުންނާއި ވަސީލަތްތައް އިތުރުކޮށްފައިވާތީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މިހާރު ހުރި ގޮންޖެހުމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިން އެއާޕޯޓުން ނުކުތުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވެ, ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގާ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ މެނޭޖަރު ލަރީސާ ވިދާޅުވީ, އައު ޓާމިނަލް އާއެކު ފަތުރުވެރިންނަށް ހާއްސަ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށާއި އެކަން ފަތުރުވެރިންވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އައު ޓާމިނަލްގެ ތަޖުރިބާ ހިއްސާކުރަން ކެތްމަދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމެއިރާ މޯލްޑިވްސްގެ އެއާޕޯޓްސް ސާވިސް މެނޭޖަރު ނޫހް އަބްދުލްހާރިސް ވިދާޅުވީ އައު ޓާމިނަލް އާއެކު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ޓާމިނަލްގެ ޖާގަ ވަރަށް ރަނގަޅަށް ބޭނުންކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ޖުލައި 26 ގައި ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އޮރާޓް ޕްރޮސެސްގެ ތެރެއިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ޓްރަޔަލްތައް މިހާރު ބާއްވަމުންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވެ އެވެ. މި ޓްރަޔަލް، އެއާލައިންތަކަށާއި އެއާޕޯޓް ރިޕްރެޒެންޓޭޓިވްސްއަށާއި ޓްރެވަލް އެޖެންޓުންނަށްވެސް ވައެމްއޭސީއެލް އިން ވަނީ ކުރިއަށް ގެންގޮސްފައެވެ.