ވިޔަފާރި / ޚަބަރު
ކަސްޓަމްސްއަށް ލިބެންޖެހޭ އާމްދަނީގެ ތެރެއިން 2022 ވަނަ އަހަރުގެ ނިޔަލަށް 477 މިލިޔަން ރުފިޔާ ނުލިބޭ: އޮޑިޓް

މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް ފޮޓޯ: ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބެންޖެހޭ އާމްދަނީގެ ތެރެއިން 2022 ވަނަ އަހަރުގެ ނިޔަލަށް 477 މިލިއަން ރުފިޔާ ނުލިބިވާކަން އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ. މި އަދަދުގެ ބޮޑުބައެއް ހިއްސާކުރަނީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ނުލިބި ހުރި ފައިސާއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 2020، 2021 އަދި 2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އާމްދަނީގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އަހަރުން އަހަރަށް އިތުރުވަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސްއަށް ނުލިބިވާ ފައިސާގެ ޖުމްލަ އަދަދު 477,915,625ރ އަށް އަރައެވެ. މީގެ ތެރެއިން 83.3 އިންސައްތަ ނުވަތަ 398,154,111ރ އަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ނުލިބި ހުރި ފައިސާއެވެ. މީގެ އިތުރުން ޖޫރިމައިނާގެ ގޮތުގައި 77,226,371ރ ނުލިބިވާކަން ވެސް ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ. އާމްދަނީގެ ގޮތުގައި ލިބެންޖެހޭ މި ބޮޑު އަދަދުގެ ތެރެއިން 322,676,331ރ އަކީ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފައިސާއެވެ.
އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުގައި، މި ފައިސާ ހޯދުމަށް ކަސްޓަމްސްގެ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވެއެވެ. ނަމަވެސް ފައިސާ ހޯދުމުގައި އެ އިދާރާއަށް ގިނަ ގޮންޖެހުންތަކެއް ދިމާވެފައިވެއެވެ. މިގޮތުން ކޯޓުން ހުކުމް ކުރުމަށްފަހު ހުކުމް ތަންފީޒުނުވެ ފައިސާ ނުލިބިވާ މައްސަލަތަކާއި، ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ގޮތެއް ނުނިމި ދިގުލައި ގޮސްފައިވާ މައްސަލަތައް ހިމެނެއެވެ. މިކަންކަމުގެ ސަބަބުން 160,674,686ރ ނުލިބި ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން ކަސްޓަމްސްގެ ޤަވާއިދުގައިވާ ގޮތަށް، ވަގުތީގޮތުން ރާއްޖެ އެތެރެކުރެވޭ މުދާ، ޤަވާއިދާއި ޚިލާފަށް ރާއްޖެއިން ފޮނުވާނުލުމުން ނުވަތަ ކަނޑައެޅޭ މުއްދަތުގައި އަނބުރާ ނުފޮނުވާނަމަ އެ މުދަލަށް ޑިއުޓީ ދައްކަންޖެހެއެވެ. 2022 ވަނަ އަހަރު މިގޮތަށް އިމްޕޯޓް ޑިއުޓީ އަދި ޖޫރިމައިނާގެ ގޮތުގައި 225,975,902ރ ނުލިބިފައިވާކަން ވެސް ރިޕޯޓުން ވަނީ ފެނިފައެވެ.
ކަސްޓަމްސްއާ ހަވާލާދީ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ވަގުތީ ގޮތުން ނުވަތަ އިޤްތިޞާދީ މަންފާއެއް ލިބޭ މަސައްކަތަކަށް އެތެރެކުރާ މުދަލަށްވާ ފައިސާ ހޯދުމުގައި، މުދާ އެތެރެކުރާ ފަރާތްތަކާ މުޢާމަލާތް ކުރުމުގެ ދަތިތަކެއް ހުރެއެވެ. އަދި ޑިއުޓީ ދައްކަންޖެހޭ ހާލަތެއް މެދުވެރިވެގެން އެކަން ވުޒާރާތަކުން އެކަށީގެންވާ މުއްދަތުގައި އަންގަމުން ގޮސްފައި ނުވާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
އޮޑިޓަރ ޖެނެރަލް ވަނީ މިކަންކަން އިސްލާހުކުރުމަށް ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ކުރިއަށް ގެންދިއުމަށް ލަފާދެއްވާފައެވެ. އަދި ނުލިބިވާ ފައިސާ ހޯދުމަށް ތަންފީޒީ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ވެސް އޮޑިޓަރ ޖެނެރަލް ވަނީ ކަސްޓަމްސްއަށް ލަފާދެއްވާފައެވެ.