ޚަބަރު
ކުދިން ތިބޭ ދެމަފިރިން ވަރީގެ ޙާލަތަށް ނުދާތި: ދާޚިލީ ވުޒާރާ

ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސިއްދީޤު ---ފޮޓޯ: ޕީއެސްއެމް

ފަރުދުން
17 ޖުލައި 2025، 03:32
17 ޖުލައި 2025، 03:32
ކުދިން ތިބޭ ދެމަފިރިން ވަރީގެ ޙާލަތަށް ނުދިއުމަށް ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސިއްދީޤު އިލްތިމާސްކުރައްވައިފިއެވެ.
ސިއްދީޤު މިގޮތަށް ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ރޭ ދެއްވި އިންޓަވިއުއެއްގައެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން އޭނާ ވަނީ ރާއްޖޭގެ ކުށުގެ ވެށްޓަށް ފުދޭވަރަކަށް ގިނަ ކުޑަކުދިން ހުށަހެޅިފައިވާކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ.
ކުޑަކުދިންނަކީ މާދަމާގެ ޤައުމުގެ މުސްތަޤުބަލު ކަމަށާއި ކުޑަކުދިންގެ މަގު ގެއްލޭނަމަ އެއީ ޤައުމަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް ސިއްދީޤު ވިދާޅުވިއެވެ. ކުޑަކުދިން ރަނގަޅު ކުރުމަށްޓަކައި ޢާއިލާތަކުގެ ޒިންމާ މުހިންމުކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އަދި އާއިލާ ރޫޅިފައިވާ ކުދިން ގިނަފަހަރާއި ގޯސް މަގަށް ހުށަހެޅޭކަން އޭނާގެ ވާހަކައިގައި ފާހަގަކުރައްވާފައި ވެއެވެ. އެހެންކަމުން، ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ވަރިއާއި ހަމައަށް ދިއުމުގެ ކުރިން ޙައްލު ކުރުމާއިމެދު ސިއްދީޤު ވާހަކަަދައްކަވާފައިވެ އެވެ.
މިކަމަށްޓަކައި އަޅުގަނޑު އެންމެ ބޮޑަށް ބާރުއަޅާ ކަމަކީ މަންމައާއި ބައްޕަ ވަކިނުވުން. ވަރިކުރުމުގެ ޙާލަތަކަށް ނުދާތި. އެހެން އަޅުގަނޑު މި ދަންނަވަނީ ސަބަބުތަކެއް ނެތިއެެއް ނޫން. އަޅުގަނޑުމެންގެ މި ކޭސްތަކުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ބައެއް ކަހަލަ ކަންތައްތައް. ކުދިންގެ މި އުޅުން އަންނަނީ ކިހިނެއްވެގެންކަން. މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންނަށް މި ފާހަގަވަނީ މި ކުދިންނަކީ ދެމަފިރިން ވަކިވެފައިވާ ކުދިން.
މި ކުދިންނަށް ގިނަފަހަރާއި މަންމަގެ އަޅާލުމާއި ބައްޕަގެ އަޅާލުން ލިބިފައިނުވާކަން މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ. މި ސަބަބުތަކަށްޓަކައި އޭނާ މިވާހަކަ މައިންބަފައިންގެ ސަމާލުކަމަށް ގެންނަން ބޭނުންވާކަމަށް ވިދާޅުވެފައި ވެއެވެ.
މައިންބަފައިން ވަކިވުމުން ކުއްޖާއަށް އަޅާލެވޭ މިންވަރު ދަށްވުމުގެ ނަތީޖާއެއްގެ ގޮތުން ކުދިންނަށް މަގުމަތިން ދިމާވާ ނުރަނގަޅު މީހުންނާއި ރަހުމަތްތެރިވެވޭ ކަމަށް އޭނާ އޮޅުންފިލުވާދެއްވާފައެވެ. ސިއްދީޤުގެ ވާހަކަ ނިންމަވާލައްވާފައިވަނީ ޢާއިލާތަކުގައި ޖެހޭ ކުދިކުދި މައްސަލަތައް ކުއްޖާއާއި ހަމައަށް ނުގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.