ޚަބަރު
އެޗްޑީސީގެ ފްލެޓުތަކުގެ ކުލީގެ މަޢުލޫމާތު ލޯން ދޫކުރުމުގައި ބަލާ ނިޒާމަށް!

ހިޔާ ފްލެޓްތައް

ފަރުދުން
17 ޖުލައި 2025، 05:26
17 ޖުލައި 2025، 05:26
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަސްޓަމަރުންގެ ކްރެޑިޓާ ބެހޭ މަޢުލޫމާތު މަރުކަޒީ ބޭންކް (އެމްއެމްއޭ) ގައި ޤާއިމުކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި ޢާންމުކޮށްފިއެވެ.
އެޗްޑީސީއިން މިއަދު ކުރި އިޢުލާނެއްގައި ބުނީ އެ ކުންފުނިން މިގޮތަށް ކަންތައް ކުރީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މާލީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އަދި ޢާންމު ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
އެޗްޑީސީން ބުނީ މި ބަދަލާއެކު އެ ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންނަށް އެއްވެސް އެހެން މާލީ އިދާރާއަަކުން ކްރެޑިޓެއް ދޫކުރުމުގެ ކުރިން، ނުވަތަ ރީސްޓްރަކްޗަރ ކުރުމުގެ ކުރިން، ނުވަތަ އާކުރުމުގެ ކުރިން، ނުވަތަ އިތުރުކޮށްދިނުމުގެ ކުރިން، ސިސްޓަމްގައިވާ މަޢުލޫމާތަށް ރިއާޔަތްކުރެވޭނެ ކަމަށެވެ. ސިސްޓަމްގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މާލީ އިދާރާތަކުން އެފަރާތްތަކުގެ ކްރެޑިޓް އިވެލުއޭޓްކުރަމުން ގެންދާނެ ކަމަށް އެޗްޑީސީ އިން މަޢުލޫމާތުދިނެވެ.
އެހެންކަމުން މި ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުން މިކަމަށް ސަމާލުވެ، ޤަވާއިދުން ފައިސާ ދައްކަވަމުން ގެންދިއުމަކީ މުޙިއްމު ކަމެއް ކަމުގައި ހަނދުމަފުޅުުކޮށް އަރުވަން
އެމްއެމްއޭގެ "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" ގައި މިދިޔަ މާޗު މަހު އެ ކުންފުނިން ބައިވެރިވެފައިވާ ކަމަށެވެ. އެ މަހުން ފެށިގެން އެ ކުންފުންޏަށް ފައިސާ ދައްކަން ޖެހޭ ކަސްޓަމަރުންގެ މައުލޫމަތު އެ ސިސްޓަމަށް އަޕްޑޭޓު ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި ފްލެޓު ލިބުނު ފަހުން އެއްގޮތަކަށްވެސް ކުލި ނުދައްކާ ފަރާތްތަކާއި، ގަވާއިދުން ކުލި ނުދައްކާ ފަރާތްތައް ހިމެނޭކަމަށް އެޗްޑީސީއިން މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވެފައިވެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެޗްޑީސީން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ހުޅުމާލޭގެ ފްލެޓްތަކުން ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެއެވެ.
އެޗްޑީސީން ބަލަހައްޓަމުންދާ ހުޅުމާލޭގެ ހައުސިންގ ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. މީގެ ތެރެއިން ގަވާއިދުން ކުލި ދައްކަމުން ގެންދަނީ 3،219 ފްލެޓުންނެވެ. އަދި 5،099 ފްލެޓަކުން ކުލި ނުދައްކައެވެ. ހުޅުމާލެއިން ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުންތަކުގައިވާ ގޮތުން ގަވާއިދުން ކުލި ނުދައްކާނަމަ، ފްލެޓު އަތުލުމުގެ ބާރު އެޗްޑީސީއަށް ލިބިގެންވެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފްލެޓެއް ކުލި ނުދެއްކުމުގެ ސަބަބުން އަތުލާފައެއް ނުވެއެވެ. މިހާރު ދޫކޮށްފައިވާ ޔުނިޓްތައް ދޫކޮށްފައި ހުންނަނީ ސޭލް ޕަރޗޭސް އެގްރިމަންޓު އުސޫލުންކަމަށްވުމާއެކު، ދަޢުލަތުން ކޯޓު މަރުޚަލާއަށް ނުގޮސް ފްލެޓްތައް ސަރުކާރަށް ނަގަން ނުވަތަ ފިޔަވަޅުއެޅުމަށް ދަތިވެއެވެ.
އެންމެ ފަހުން ގެނައި ބަދަލަކާ ގުޅިގެން، ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތަކަށް ކޮންމެ ތިން މަހަކުން "ޕޭމަންޓް އެޑްވައިސް" ނޯޓިހެއް ފޮނުވަމުން ގެންދާނެއެވެ. މި ނޯޓިހަކީ ކުލި ދެއްކުމަށް ނަސޭހަތްތެރިވެ ފޮނުވާ ނޯޓިހެކެވެ.