Ads by Stelco

ޚަބަރު

ވިއްސާރައިގައި މުރައިދޫގެ ބައެއް ގެތަކަށް ގެއްލުންވެއްޖެ

ވިއްސާރައިގައި މުރައިދޫގެ ބައެއް ގެތަކަށް ގެއްލުންވެއްޖެ

މުރައިދޫއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުން

farudhun logo

ފަރުދުން

19 ޖުލައި 2025، 11:13

19 ޖުލައި 2025، 11:13

އިއްޔެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި ވިއްސާރައިގައި ހއ. މުރައިދޫގެ ބައެއް ގެތަކާއި ކައުންސިލު އިދާރާއަށް ގެއްލުން ލިބިއްޖެ ކަމަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ހާމަކުރައްވައިފިއެވެ.

 މިނިސްޓަރ މިކަން ހާމަކުރެއްވީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

އެ ޕޯސްޓުގައި މިނިސްޓަރ ވަނީ އިއްޔެ ހަވީރު އައި ކޮޅިގަނޑުގައި  މުރައިދޫ މީހުން ދިރިއުޅޭ 3 ގެއަކާއި އެރަށު ކައުންސިލް އިދާރާ ހިންގަމުންދާ އިމާރާތުގެ ފުރާޅު އެއްލާލައިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.  މީގެ ތެރެއިން 2 ގެއެއްގެ ފުރާޅު، ރަށު ކައުންސިލާއި ރައްޔިތުންނާއި ފުލުހުންނާއި މޯލްޑިވްްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ  (އެމް.ޓީ.ސީ.ސީ) އެހީތެރިކަމާއިއެކު  ވަގުތީގޮތުން ހިޔާކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

  ކައުންސިލްގައި އިދާރީ މަސައްކަތް ކުރެވޭ ޙާލަތަށް ގެނެވުނުހާ އަވަހަކަށް، ގޭގެއަށް ލިބުނު ގެއްލުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ރިޕޯޓްކޮށް، އޮންނަ އުޞޫލުގެ ތެރެއިން ސަރުކާރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް ކައުންސިލުން ބުނެފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެ އެވެ. މިނިސްޓަރ ސިފަކުރެއްވި ގޮތުގައި މިފަދަ ޙާލަތްތަކުގައި ރައްޔިތުންގެ ފަރާތުން ފެންނަ އިޖުތިމާޢީ ބަދަހިކަމަކީ ހިތަަށް ފިނިކަން ލިބޭ، ދިރުން ގެނެސްދޭ ކަމެކެވެ. 

ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން މުރައިދޫ ކައުންސިލްގެ ރައީސް ޢަލީ ސިނާން ވިދާޅުވީ ކައުންސިލް އިމާރާތުގެ ފުރާޅު މުޅިން ހަލާކުވެ، އެތެރެއަށް އެކި ބާވަތުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި  އެންމެ ގިނައިން ގެއްލުން ލިބިފައިވަނީ މީޓިން ރޫމަށެވެ. އެގޮތުން އެތަނުގެ  ސީލިންގާއި ޓީވީ ޔުނިޓަކަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ މަޢުލޫމާތު ދެއްވާފައިވެ އެވެ. 

މުރައިދޫ ކައުންސިލުން މިގޮތަށް މަޢުލޫމާތުދީފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްޔެ މޫސުން ގޯސްވުމުގެ ސަބަބުން ތަފާތު އެކި ގެއްލުންތައް ރިޕޯޓްކޮށްފައިވެ އެވެ. މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައާއި ގުޅިގެން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ދަނީ ޢާންމުންނަށް އިލްތިމާސްކުރަމުންނެވެ. 


މި ލިޔުން ކިޔާލުމުން

Ads by MSS